ހަބަރު

ސްނައިޕަރުގެ މައްސަލާގައި ރާއްޖޭގެ ޝަރުއީ ދާއިރާއަކާ ނުބެހެން: ލަންކާ

ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރީލަންކާ ސްނައިޕަރު ލަހިރު މަދުޝަންކާގެ މައްސަލައިގައި ރާއްޖޭގެ ޝަރުއީ ދާއިރާ ތެރެއަށް ވަނުމަކީ ސްރީލަންކާއިން ކުރާނެ ކަމެއް ނޫން ކަމަށް އެ ގައުމުން ބުނެފިއެވެ.

ރާއްޖޭގައި ހައްޔަރުކޮށްފައިވާ ލަންކާގެ ރައްޔިތާ ގުޅޭ ގޮތުން "ލަންކާގެ ސަންޑޭ ޓައިމްސް"އަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ނައިބު ޑރ. ހާޝާ ޑި ސިލްވާ ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅޭ ތަފްސީލު ރާއްޖެއިން، އެ ގައުމަށް ހިއްސާކޮށްފައިވާ ކަމަށެވެ.

"ލަހިރު މަދުޝަންކަގެ މައްޗަށް ކުރެވެނީ ސީރިއަސް ތުހުމަތުތަކެއް،" އޭނާ ވިދާޅުވި އެވެ.

ހާޝާ ވިދާޅުވީ ލަހިރުގެ މައްސަލަ ލަސްވަނީ، އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަމުން ކަމަށް ރާއްޖޭގެ ސަރުކާރުން ލަންކާއަށް އަންގާފައިވާ ކަމަށެވެ. އެ މައްސަަލައިގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ރާއްޖެއިން ބުނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ލަންކާގެ ރައްޔިތެއް ހައްޔަރުކުރި މައްސަލަ ލަންކާގެ ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން އިން ވަރަށް ގާތުން ބަލަމުން އަންނަ ކަން ފާހަގަކުރައްވައި ހާޝާ ވިދާޅުވީ، އެ މައްސަލައިގައި ރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ޝަރުއީ ދާއިރާއަށް އަތް ބޭނުމަކީ އެ ގައުމުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ހަމަ އެ ނޫހުގައި ސްނައިޕަރުގެ ވަކީލް ޝަބްދިކާ ވެލުޕިއްލޭ ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ލަންކާގެ ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށެވެ. ސްނައިޕަރުގެ މައްސަލަގައި ލަންކާގެ މަސައްކަތް ލަސް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރާއްޖެއިން ލަހިރު މަދުޝަންކަގެ ތަހުގީގުކުރާ ފަރާތްތަކުން އަޅުގަނޑަށް އަންގަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައް ނުނިންމާތީއޭ އޭނާ ދޫކޮށްނުލަނީ،"

ވަކީލެއްގެ ގޮތުގައި ރާއްޖެއަށް އައުމަށް އޭނާއަށް ވިސާ ހަމަނުޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބިޒްނަސް ވިސާ ހަމަޖައްސައިދީފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޭނާގެ އަތަށް ވިސާ ނުލިބޭ ކަމަށެވެ.

"ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވިސާ ހޯދުމުގެ މަސައްކަތް އެބަކުރަން، އަންނަ ހަފުތާ ތެރޭގައި ރާއްޖެ ދިއުމަށް އެބަ މަސައްކަތްކުރަން،"

ރައީސް އަބްދުﷲ ޔާމީން ލޯންޗުކޮޅަށް ދިން ހަމަލާއަށް ފަހު ގިނަ އަދަދެއްގެ ފައިސާ ދީގެން އެމަނިކުފާނު އަވަހާރަކޮށްލަން ލަހިރު މަދުޝަންކަ ރާއްޖެ ގެނެއި ކަމުގެ ތުހުމަތުގައި ޑިސެމްބަރު މަހު 17 ގައި ވަނީ އިތުރު ތިން މީހެއް ވެސް ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ސްނައިޕަރެއް ކަމަށް ފުލުހުން ތުހުމަތުކޮށް ބަނދުގައި ބަހައްޓާފައި ހުރި ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކަގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު ލަންކާ އިން އަންނަނީ އޭނާ އަކީ އެއްވެސް އަސްކަރީ ތަމްރީނެއް ލިބިފައި ނުވާ މީހެއް ކަމަށް ބުނަމުންނެވެ.