އެމްއާރުއެމް

އުވާލަން ނޯޓިސް ދިން ޕާޓީތަކުގެ ލިސްޓުން އެމްއާރްއެމް ނަގައިފި

Jun 12, 2022
4

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް ނޯޓިސް ދީފައިވީ ނަމަވެސް އެ ޕާޓީން 3،000 މެންބަރުން ހަމަކޮށްފައިވާތީ އުވާލާ ޕާޓީތަކުގެ ތެރޭގައި މިހާރު އެމްއެމްއާރްއެމް ނުހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 3،000 މެންބަރުން ހަމަވަނީ ހަތް ޕާޓީގަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވަނީ ރާއްޖޭގައި ދެވަނައަށް އުފެއްދި ޕާޓީ -- ޑީއާރްޕީއާއި، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.

މި ޕާޓީތަކުން 3،000 މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީތަކަށް މުއްދަތެއް ދިނެވެ. އެ މުއްދަތުގެ ތެރޭގައި 3،000 މެންބަރުން ހަމަކުރީ އެމްއާރްއެމް އިން އެކަނި ކަމަށްވާތީ އެ ޕާޓީ އުވާނުލުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

"ގާނޫނުގައި ބުނާ 3،000 މެންބަރުން އެމްއާރްއެމް އިން މިހާރު ވަނީ ހަމަކޮށްފައި. އެހެންވެ 3،000 ހަމަނުވާތީ އުވާލުމަށް ނޯޓިސް ފޮނުވި ޕާޓީތަކުގެ ތެރެއިން އެމްއާރްއެމްގެ ނޯޓިސް މިވަނީ ބާތިލްކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

ނޯޓިސް ފޮނުވި އެހެން ޕާޓީ ތަކުން ވަނީ 3،000 މެންބަރުން ހަމަކުރަން އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ. ނަމަވެސް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާތީ 3،000 މެންބަރުން ހަމަކުރަން އިތުރު ވަގުތު ދެވެން ނޯންނާނެ ކަމަށްވެސް އިލެކްޝަނުން ޕާޓީ ތަކުން އަންގާފައިވެ އެވެ.

އެމްއާރްއެމް އިން ތުހުމަތުކުރާ ގޮތުގައި އެ ޕާޓީގައި އަބަދުވެސް 3،000 މެންބަރުން ތިބޭނެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވިއިރު އެމްއާރްއެމްގައި ތިބީ 2،300 މީހުންނެވެ. އެމްއާރްއެމް އިން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ދަށްވީ އެ ޕާޓީގެ މެންބަރުންތަކެއް އެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ގެންދިއުމުންނެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ތިބުމުން މިއަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީ އަކަށް ފައިސާ ވެސް ދީފައިވެ އެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.