ހަބަރު

ނަޝީދުގެ ފިންގަޕްރިންޓް ވަކީލުން މެދުވެރިކޮށް މިއަދު ނަގަނީ

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އަލުން ރަޖިސްޓްރީ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިންގަޕްރިންޓް މިއަދު ވަކީލުން މެދުވެރިކޮށް ނަގަން ހަމަޖެހިއްޖެއެވެ. ރައީސް ނަޝީދާއާއެކު ގާނޫނީ ވަކީލުންގެ ބައްދަލުވުން އޮންނާނީ މިއަދު ދެއެއް ޖަހާއިރުއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފު "އަވަސް"އަށް ވިދާޅުވީ، ރައީސް ނަޝީދުގެ ފިންގަޕްރިންޓް ނެގުމަށް މެންބަޝިޕް ފޯމް ޖަލަށް ގެންދިއުމުގެ ހުއްދަ ކަރެކްޝަންސް ސާވިސްއިން އިއްޔެ ދީފައިވާ ކަމަށެވެ. ކަރެކްޝަންސްއަށް އެ ހުއްދަ ދީފައިވަނީ ހޯމް މިނިސްޓްރީން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހުއްދައެއް ލިބުނީ ކަމަށް ބަަލައިގެން މިއަދު އަޅުގަނޑުމެން އެ ފޯމް ހިފައިގެން ދާނީ، ދެން ނޭނގޭ އަދި އެ ފޯމް ގެންދިޔައީމާ އެ ބޭފުޅުން ނިންމާނެ ގޮތެއް، ގަވާއިދުގައި މައްސަލައާ ގުޅުން ނެތް ލިޔުން ވެއްދުމަކީ ހުއްދަ ނޫން ކަމެއް ކަމަށް ވެސް ވިދާޅުވީ އެ ބޭފުޅުން، އެހެންވީމާ އަޅުގަނޑުމެން އެކަހަލަ ލިޔެކިޔުން ނުގެންދަނީ، އެފަދަ ލިޔެ ކިޔުންތައް ގެންދެވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައި ވެސް އެބަހުރި،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، މި ދެތިން ހަތަރު ދުވަހު ކަރެކްޝަންސް ވަކީލުން ވަރަށް ބޮޑަށް ޗެކްކުރި ކަމަށް ވެސް ހަސަން ވިދާޅުވިއެވެ. އެއީ ވަގަށް ފޯމް ގެންދަފާނެ ކަމަށް ހީވެގެން ކަމަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އަލުން ރަޖިސްޓްރީ ކުރުމަށް ފިންގަޕްރިންޓް ޖަހަން ފޯމް، ކުރީގެ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނާ ހަވާލުކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އަންގާފައެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ކޮންމެ ދުވަހަކު އެމަނިކުފާނާ ތިން ގަޑިއިރުވަންދެން ބައްދަލުކުރާ ކަމަށާއި އެކިއެކި ލިޔެކިޔުންތަކުގައި ރައީސް ނަޝީދުގެ ސޮއިކުރުވައި އިނގިލީގެ ނިޝާން ޖައްސަވަ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރު ކަމަށްވުމަށް އެދޭ ފޯމް ވެސް ވަކީލުންގެ އަތަށް ދިނުމަށް އުމަރު ވަނީ އެމްޑީޕީއަށް އަންގާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީހު އެނގެން އޮންނަން ޖެހެ އެވެ. އެގޮތުން އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަލުން ފޯމުތައް ހުށަހެޅުމަށް އަންގާފައެވެ. އެމްޑީޕީއިން ވަނީ އިނގިލީގެ ނިޝާން ޖެހުމަށް ފޯމް ހުށަހެޅުމުގެ އިތުރުކޮށްދިނުމަށް ހައިކޯޓުގައި އެދިފައެވެ.