ޕީޕީއެމް

ރަސޫލާއަށް އޮތް ލޯބި ހާމަކުރަން އިދިކޮޅުން ޖަލްސާއެއް ބާއްވަނީ

Jun 12, 2022
1

ރަސޫލާއަށް އޮތް ލޯބި ހާމަކޮށްދިނުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން އަންނަ ބުރާސްފަތި ދުވަހުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖެއަކީ 100 ޕަސަންޓް އިސްލާމީ ދައުލަތަކަށްވާއިރު ރަސޫލާ އަށް ފުރައްސާރަ ކުރުމުން އެކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯތްބާއި މަތިވެރިކަން ދެއްކުމަށްޓަކައި އަޅުގަނޑުމެން އެބަ ޖެހޭ މިވަގުތު ހިތްވަރާއެކު ތެދުވަން،" ޝަހީމް ވިދާޅުވި އެވެ.

ރަސޫލާއަށް އޮތް ލޯބި ދައްކައިދިނުމަށް ޖަލްސާ ބާއްވަނީ އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން ކަމަށްވީ ނަމަވެސް އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. ރަސޫލާ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރުމަކީ އެއްގޮތަކަށްވެސް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ސިޔާސީ ފިކުރަށް ނުބަލައި ރާއްޖޭގެ ހުރިހާ ރައްޔިތުން މާލޭގައި ތިއްބެވި އަންހެން، ފިރިހެން، ޒުވާނުން، އިލްމުވެރިން މިކަމުގައި ބައިވެރިވުން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

މިޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ހުއްދަވެސް ދީފަ އެވެެ.

ރަސޫލާއަށް އޮތް ލޯބި ހާމަކުރުމުގެ ގޮތުން މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރެއްގައި ވެސް އެތައް ސަތޭކަ އާމުން ވަނީ ބައިވެރިވެފަ އެވެ.