ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ނުފޫޒު ގަދަ ކުރުމަކީ ޖަޕާނަށް ބޮޑު މައްސަލައެއް ނަމަވެސް ޗައިނާ އާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ޖަޕާންގެ ޑިފެންސް މިނިސްޓަރު ނޮބުއޯ ކިޝީ ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި އޮތް ޑިފެންސް ފޯރަމްގައި ވާހަކަ ދައްކަވަމުން ދިފާއީ ވަޒީރު ވިދާޅުވި ގޮތުގަުއި ޗައިނާއާ މަޝްވަރާ ކުރަން ޖެހެނީ ސަރަހައްދީ މަސްލަހަތަށް ޓަކައެވެ.
ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅިއަކީ ހަމައެކަނ ޖަޕާނަށް މުހިންމު ތަންތަން ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ދަތުރުފަތުރު ތަކަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ސަރަހައްދީ ފެންވަރުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަން ޖެހޭ ކަމަށް ވެސް ޖަޕާންގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.
ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަމަލުތައް ހުރީ ޖަޕާން އެންމެ އެދޭ ގޮތަށް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ޗައިނާގެ އަސްކަރިއްޔާ އުޅެނީ ދެ ގައުމުގެ ދެމެދުގައި ހަދާފައި ހުރި އެއްބަސްވުންތަކާ ޚިލާފުވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގްއާ ބައްދަލު ކުރައްވައި ސަރަހައްދީ މަޝްވަރާތައް ބާއްވާނެ ގޮތަކާ މެދު ޚިޔާލު ބަދަލު ކުރެއްވި ކަމަށް ޖަޕާންގެ ދިފާއި ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މަޝްވަރާއަށް ތައްޔާރު ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވި ކަމަށެވެ.
ޖަޕާން ތުހުމަތު ކުރާ ގޮތުގައި ޗައިނާގެ އަސްކަރީ އުޅަނދުތައް ޖަޕާންގެ ކަނޑަށް ވަނުމަކީ އާންމު ކަމެކެވެ. މަސްލަހަތު ފުށުއަރާަފައި އޮންނަ ސަރަހައްދަށް ވަދެ ޗައިނާ ކުރާ ކަމެއް ނޭނގޭ ކަމަށް ވެސް ވަޒީރު ވިދާޅު އެވެ.
ޖަޕާންގެ ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ސަރަހައްދީ ފެންވަރުގައި -- ސަރަހައްދުގެ އެހެން ގައުމުތައް ބައިވެރި ކޮށްގެން މަޝްވަރާތައް ބާއްވަން ޖެހެނީ، ދެކުނު ޗައިނާ ކަނޑަކީ ގިނަ ގައުމުތަކެއް ހިއްސާކުރާ ކަނޑަކަށް ވާތީ އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގްވާމީ މުދާ އުފުލާ ބޯޓުތަކަށް ވެސް މުހިންމު ސަރަހައްދެކެވެ. އެ ސަރަހައްދު އަމާންކޮށް ބޭއްވުމަކީ ހިއްސާދާރުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.