ހަބަރު

ތައިލެންޑް ވިސާ ދިވެހިންނަށް ފަސޭހަކޮށްދޭން ރައީސް އެދިވަޑައިގެންފި

ތައިލެންޑުގެ ވިސާ ދިވެހިންނަށް ފަސޭހައިން ހޯދޭނެ ފަދަ އެއްބަސްވުމަކަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމާ ގުޅޭ ގޮތުން، ރައީސް އަބްދުﷲ ޔާމީން ތައިލެންޑުގެ ބޮޑުވަޒީރު ޗަން-އޮކަ އާއި މަޝްވަރާކުރައްވައިފި އެވެ.

ތައިލެންޑް ވިސާ ދިވެހިންނަށް ފަސޭހައިން ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ރައީސް އެގައުމުގެ ބޮޑުވަޒީރާއި ވާހަކަފުޅުދެއްކެވީ އެމަނިކުފާނި ތައިލެންޑަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ޗަން-އޮކައާއި އެކު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުން ބޭއްވީ ތައިލެންޑްގެ ގަވާމަންޓް ހައުސްގަ އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޔާމީނާއި ބޮޑުވަޒީރު ޗަން-އޮކަ ގެ ބައްދަލުވުމުގައި ރާއްޖެއާއި ތައިލެންޑުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށްޓަކައި އެކި އެކި ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވި ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުންވެސް އެއްގައުމު އަނެއް ގައުމަށް ފޯރުކޮށްދެވިދާނެ އެހީތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ދެގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް، ދެގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމަށް، ތައިލެންޑަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދޭނެ ފަސޭހަ ގޮތް ފަހިކުރުމަށް ރައީސް އާއި ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް އަލި އަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ވިސާގެ ކަންކަން ފަސޭހަކުރުމާ ބެހޭ ކަންކަމުގައި ތައިލެންޑާ އެކު އެއްބަސްވުމަކަށް ދިއުމަށް ރައީސް ޝައުގުވެރިވެވަޑައިގަންނަވާކަން ވެސް އެމަނިކުފާނު ބޮޑުވަޒީރަށް ހާމަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ތައިލެންޑްގެ ބޮޑުވަޒީރާއި އެކު ރައީސް ބޭވި މިބައްދަލުކުރެއްވުމުގައި، އެމަނިކުފާނުގެ އަރިހުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު ނަސީރާއި، ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.