އާދަމް ޝަރީފު އުމަރު

މުދަލުގެ އަގުހެޔޮ ކުރަން ގޮވާލި ހުށަހެޅުން ބަލައި ނުގަތް

Jun 13, 2022

ރާއްޖޭގައި މުދަލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް، ތަކެތީގެ އަގުތައް ތިރިކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ މަޖިލީހުން މިއަދު ވަނީ މިމައްސަލަ ބޭރުކޮށްލާފަ އެވެ.
މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި ދިވެހިންގެ އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންކުރާ މުދަލުގެ އަގު ބޮޑުވެ، ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް އަގުތައް މަތިވެ، ރާއްޖޭގެ އިންފްލޭޝަން އުފުލެމުން ދިއުމާއި ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތައްވެސް އުފުލެމުންދާ ކަމަށެވެ.

ހާއްސަކޮށް ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ރާއްޖޭގެ އުފެއްދުމެއް ކަމުގައިވާ މިފްކޯގެ މަސްދަޅު އަގުބޮޑުކުރުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުބޮޑުކޮށްފައިވާއިރު ކާގޯ ހިދުމަތުގެ އަގުތައް މަތިކުރުމާއި އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ސިމެންތިއާއި ދަގަނޑުގެ ބާވަތްތަކުގެ އަގު މަތިވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން އާންމުކޮށް ރައްޔިތުން ބޭނުންކުރާ ބައެއް ކާނާއާއި ބުއިމުގެ ބާވަތްތައްވެސް އަގުބޮޑުވެފައިވުމާއި، ތަކެތީގެ އަގުތައް ބޮޑުވެ އަތްނުފޯރާ ފަށަށްދާއިރު ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތް ކަަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

"ދިވެހި ސަރުކާރާއި ސަރުކާރުން ހިއްސާވާ ކުންފުނިތަކުން އުފައްދާ، ދިވެހިންގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ މުދަލުގެ އަގު ހެޔޮކޮށް، ރައްޔިތުންގެ އަތްނުފޯރާ ހިސާބުގައި ހުރި ހިދުމަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް، ރައްޔިތުންގެ އަތްފޯރާފަށުގައި ބާޒާރުގެ އަގުތައް ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅަމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ ހަފްތާ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ދުނިޔެއާއި އަދި ރާއްޖޭގައިވެސް މުދަލުގެ އަގު މިހާރު ބޮޑުވަމުންދާ ގޮތަށް އަގުތައް ބޮޑުވަމުންދާނަމަ ސަރުކާރުން އަބަދު ސަބްސިޑީ ދީގެން އަގުތައް ކޮންޓްރޯލް ކުރުމަކީ ދިގު މުއްދަތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ހަރަދު ކުޑަކުރުމަށް އިލްތިމާސް ކުރެއްވި އެވެ.