ރާއްޖޭގެ ތައުލީމީ ދާއިރާގައި ބޭނުންކުރާ މުގައްރަރުގެ މައިގަނޑު އަސާސަކީ އިސްލާމް ދީނުގައިވާ ގޮތަށް ތަރުބިއްޔަތު ވެފައިވާ ދަރިންތަކެއް ބިނާކުރުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ "ހަފްތާ ރެސް" ޕްރޮގްރާމުގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އެ މައްސަލައިގައި ބައެއް މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.
ހަފްތާ ރެސް ޕްރޮގްރާމުގެ ސެޝަނެއްގައި ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އަދި ފުރާވަރުގެ ކުއްޖަކު ތުނބުޅި ބެހެއްޓުމަކީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުންދާ ކަމުގެ އަލާމާތެއް ކަމަށް ބުނެފައިވާ ކަމަށް ފާޑުކިޔާ ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން އެސެމްބްލީގެ ލަވައިގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލުވަމުންދާ ކަމުގެ އަލާމާތެއް ކަމަށް ބުނެ ވޯކްޝޮޕްގައި މައުލޫމާތު ދީފައިވާ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.
މިމައްސަލައިގައި އެޑިޔުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރެއްވުމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާގައި ބޭނުންކުރާ މުގައްރަރުގެ މައިގަނޑު އަސާސަކީ "ޕްރެކްޓިސިން އިސްލާމް" ނުވަތަ ދީނުގައިވާ ގޮތަށް އަމަލުކުރާ ދަރިންތަކެއް ތަރުބިއްޔަތު ކުރުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ކަރިކިއުލަމްގެ ތެރެއިން އިސްލާމް ދީނަށް އަމަލުކުރާ ދިވެހި ގައުމަށް ލޯބިކުރާ ހުނަރުހުރި މައުލޫމާތު ހުރި ދަރިވަރެއް ބިނާކުރުމުގެ ކަންތައް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު އަލީ ވިދާޅުވީ އެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ސްކޫލުތަކުގައި ދަރިވަރުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި ދަރިވަރުން ނަމާދުކުރާ ކަން ބެލެނިވެރިންނަށްވެސް އެނގޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުންދާ ކަމުގެ އަލާމާތެއް ކަމަށް ބުނެ މައުލޫމާތު ދިން ކަމެއް އެކަމަނާއަށް އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ސްކޫލުތަކުގައި ދަރިވަރުން ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމާދުކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށްވާތީ ސްކޫލުތަކުގައި ނަމާދުކުރުމަށް ހިތްވަރު ދޭނެ ކަމަށެވެ.
ތައުލީމީ ދާއިރާގައި ބޭނުންކުރާ ބައެއް ފޮތްތަކުގައި އިސްލާމް ދީނާ ފުށުއަރާ ބައެއް ވާހަކަތައް ހުރުމުންނާއި ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތުގައި ގުރުއާންގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލައެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވެ އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.