ރައްޔިތުންގެ މަޖިލިސް

އެމެރިކާގައި ހުންނަވާ ސަފީރަކަށް ޣަފޫރު އައްޔަންކުރަނީ

Jun 13, 2022
1

އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް މއ. އަތަމާ ވިލާ އަބްދުލްޣަފޫރު މުހައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި މިވަގުތު ހުންނެވި ހ. ނޫހިރި ތިލްމީޒާ ހުސައިން އެވެ. އޭނާ އަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ދައްތަ އެވެ.

ތިލްމީޒާގެ ބަދަލުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ޣަފޫރު ހަމަޖައްސަވާ ވަކި ސަބަބެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައެއް ނުވެ އެވެ.

ޣަފޫރު މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ. އޭނާއަށް އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ޣަފޫރު ވަނީ އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި އދގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ވެސް ޣަފޫރު އަދާކުރައްވާފައިވެ އެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރައްވަނީ ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެވެ.

ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ހަސަން ސޯބިރު ކޮރެއާގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް އައްޔަންކުރުމަށާއި ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު ނެދަލެންޑްސްގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށްވެސް
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ ހުށަހަޅުއްވާފަ އެވެ.

މިމައްސަލަތައް ދިރާސާކުރުމަށް ފޮނުވީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށެވެ.