ގއ. ވިލިނގިލި

ދަތްއަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު

ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު އިނގިލިން ބައެއް ބުރިކޮށްލި މީހާ ޝަރީއަތް ނިމެންދެން އަނެއްކާ ވެސް ބަންދުކޮށްފި އެވެ.

މި މައްސަލައިގައި މިމަހުގެ ހަވަނަ ދުވަހު ދައުލަތުން ވަނީ ގ. ޗެރީހައުސް، އަލީ ހަސަންގެ މައްޗަށް ފަސް ދައުވާއެއް ކޮށްފަ އެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު އޭނާ ވަނީ ހުއްދަ ނުހޯދާ ވިލިނގިލީ ގެއަކަށް ވަދެ، އެގޭގައި ތިބި ބަޔަކާ މާރާމާރީ ހިންގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު ބުރިކޮށްލާފަ އެވެ.

އެންމެ ފުރަތަމަ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އޭނާ ފަހުން ދޫކޮށްލީ އެވެ. އެ ކޯޓުން އެމީހާ ދޫކޮށްލާފައިވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 150 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވަނިކޮށެވެ.

އޭނާ ދޫކޮށްލުމުން މިމަހުގެ ހަތްވަނަ ދުވަހު ދައުލަތުން ވަނީ އަނެއްކާވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އެދި ކޯޓަށް ފޯމު ހުށަހަޅާފަ އެވެ. މިއަދު މި މައްސަލައިގެ ބަންދު މުރާޖާ އަޑުއެހުމެއް ބާއްވާފައިވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ.