ރޭޕް

ވިލިނގިލި ރޭޕް ކޭސް: ތިން މީހަކަށް ދައުވާކޮށްފި

ގއ. ވިލިނގިލީގައި އަންހެނަކު ރޭޕް ކުރުމުގެ ކުށުގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކޮށްފި އެވެ.

ރޭޕްގެ ޝިކާރައަކަށްވީ ގއ. ކޮލަމާފުށްޓަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަންހެނެކެވެ.

ކޮޓަރިއެއްގައި މިއަންހެން މީހާ ގަދަކަމުން ހިފަހައްޓާ ރޭޕް ކޮށްފައިވަނީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ.

މިމައްސަލައިގައި ދައުވާކޮށްފައިވަނީ ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ އިބްރާހިމް ރިޒާ އާއި، ގއ. ވިލިނގިލި މަލަސް މުހައްމަދު މާއިލް މިހާދުގެ އިތުރުން ގއ. ވިލިނގިލި ކެޔޮވިނަ އަހްމަދު ޝާލްގެ މައްޗަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުވެސް ތިބި މި ތިން މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

ރޭޕްކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަސާސީ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މިތިން މީހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ނަގައި ތަހުލީލުކުރިއިރު އިބްރާހީމް ރިޒާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ވަނީ ކެނަބިސް ބޭނުންކުރުމުގެ ދައުވާވެސް އުފުލާފަ އެވެ. މިދައުވާގެ އަސާސީ އަދަބަކީ ތިން އަހަރަށް ޖަލަށްލުމެވެ.

ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ހިމެނެނީ ކުށުގެ އަމަލު ސާބިތުކުރުމަށް ހުށަހެޅި ހެކިބަސްދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި އަދި ޑީއެންއޭ ރިޕޯޓުތަކެވެ.