ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ "ހަފްތާ ރެސް" ޕްރޮގްރާމުގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޔޫތު މިނިސްޓްރީން ދޮގުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުނގޫފާރުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރަށް ތަބާވުމުގެ އަމަލެއް ކަމެއް ކަމަށް ބުނެ ދައްކަމުން ދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"މި ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާތާ ތިން އަހަރު ފާއިތުވެފައިވާއިރު އެފަދަ އެއްވެސް ކަމެއް ހިންގާފައި ނުވާނެކަން އަދި ނުހިންގާނެ ކަމުގެ ޔަގީންކަންދެން،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދާ ހަމައަށް އެތައް ޕްރޮގްރާމްތަކެއް ހިންގާފައިވާ އިރު އެއްވެސް ރަށަކުން އެއްވެސް ޝަކުވާއެއް މިހާތަނަށް ޔޫތު މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ.
"މިޕްރޮގްރާމްތަކަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާ ދިރިއުޅުމުގެ ރީތި އާދަތައް މުޖުތަމައުގައި އަށަގެންނެވުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. މިފަދަ ރަނގަޅު މަގުސަދެއްގައި މުޖުތަމައަށް ފައިދާވާ ގޮތަށް ހިންގޭ ޕްރޮގްރާމްތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ." މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލުކުރައްވާފަ އެވެ. އެޑިޔުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ މެންބަރު ސައީދު ސުވާލުކުރެއްވުމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާގައި ބޭނުންކުރާ މުގައްރަރުގެ މައިގަނޑު އަސާސަކީ "ޕްރެކްޓިސިން އިސްލާމް" ނުވަތަ ދީނުގައިވާ ގޮތަށް އަމަލުކުރާ ދަރިންތަކެއް ތަރުބިއްޔަތު ކުރުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ކަރިކިއުލަމްގެ ތެރެއިން އިސްލާމް ދީނަށް އަމަލުކުރާ ދިވެހި ގައުމަށް ލޯބިކުރާ ހުނަރުހުރި މައުލޫމާތު ހުރި ދަރިވަރެއް ބިނާކުރުމުގެ ކަންތައް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު އަލީ ވިދާޅުވީ އެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ސްކޫލުތަކުގައި ދަރިވަރުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި ދަރިވަރުން ނަމާދުކުރާ ކަން ބެލެނިވެރިންނަށްވެސް އެނގޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުންދާ ކަމުގެ އަލާމާތެއް ކަމަށް ބުނެ މައުލޫމާތު ދިން ކަމެއް އެކަމަނާއަށް އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ސްކޫލުތަކުގައި ދަރިވަރުން ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމާދުކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށްވާތީ ސްކޫލުތަކުގައި ނަމާދުކުރުމަށް ހިތްވަރު ދޭނެ ކަމަށެވެ.
ތައުލީމީ ދާއިރާގައި ބޭނުންކުރާ ބައެއް ފޮތްތަކުގައި އިސްލާމް ދީނާ ފުށުއަރާ ބައެއް ވާހަކަތައް ހުރުމުންނާއި ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތުގައި ގުރުއާންގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލައެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވެ އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.