ޔޯގާ އަކީ ހަރާމު އެއްޗެއް ކަމަށް ސާފުކޮށް ބުނުމުން އެކަން ނުކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ޔޯގާ އަކީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި އިލްމުވެރިންގެ ސާފު ރައުުޔެއް ބޭނުންވާ ފަދަ މޭރުމަކުން މަހްލޫފް ވިދާޅުވީ ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ސާފުކޮށް ބުނަން އެބަޖެހޭ ކަމަށެވެ. އޭރުން އެފަދަ ކަންކަން ކުރިއަށް ނުގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ޔޯގާ އަކީ ހަރާމު ކަމެއް ކަމަށް ވަކި ޝައިޚަކު ވިދާޅުވެގެން ގަބޫލުކުރަންޖެހޭއިރު އެހެން ޝައިހުން އެކަމާ ދެކޮޅަށް ދައްކަވާ ވާހަކަތައްވެސް ހުންނަ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުން ޔޯގާ އާއި މިއުޒިކާއި ދެންވެސް އޮތް ކަމެއް އެއީ ހަރާމްތޯ ހަރާމް ނޫންތޯ ސާފުކޮށް އަޅުގަނޑުމެން ކައިރީ ބުނީމާ އެ ހިސާބުން އެކަމެއްގައި ނޫޅޭނަން،" މަހްލޫފް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޔޯގާ ހަރަކާތާ ދެކޮޅަށް ބަޔަކު އަޑީގައި ތިބެގެން ކޮށްފައިވަނީ ވެރިކަމަށް އައުމަށް ކުރާ ޒާތުގެ ސިޔާސީ ކަމެއް ކަމަށްވެސް ތުހުމަތުކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްގެ ބޭފުޅުން ބައިވެރިވެގެން 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮންމެ އަހަރަކު ޔޯގާ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ.
ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ފަތުވާ ނެރުމަށްފަހު އެ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ވަނީ މިމަހުގެ 15 ވަނަ ދުވަހު ސިޓީ އަކުން ފުލުހުންނަށް އަންގާފަ އެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނާ ފަތުވާ އަކީ އެކަން ކުރަން އޮންނަ އިޖުރައާތަތްތަކާ ހިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށެވެ. އެހެންވެ ކުރިން ފޮނުވި ސިޓީގައި ހުރި ވާހަކަތަކުގެ ބުރަދަނެއް ނެތް ކަމަށް އެނގޭ ގޮތަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ވާހަކަދައްކާފަ އެވެ.