ދައުލަތުގެ ދަރަނި

ޗައިނާ ލޯނުތަކަކީ ދަރަނީގެ މަޅިއެއް ނޫން: ސަރުކާރު

ޗައިނާގެ ލޯނުތައް ވެސް ހުރީ ގައުމުގެ އެއްވެސް އެއްޗެއް "ވިއްކާލަން" ޖެހޭ ގޮތަށް -- "ދަރަނީގެ މަޅި" -- އެއްގެ ސިފައިގައި ނޫންކަން ހާމަވެއްޖެ އެވެ.

ޗައިނާގެ ލޯނުތަކަކީ "ދަރަނީގެ މަޅިއެއް" ކަމަށް ހުޅަނގުގެ ގައުމުތަކުން އަބަދު ވެސް ވާހަކަ ފަތުރަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ގެންދަވަނީ އެ ވާހަކަ ވިދާޅުވަމުންނެވެ. ޗައިނާއިން ނެގި ލޯނުތަކަކީ ރާއްޖެ "ދަރަނީގެ ދަންތުރަ" އެއްގައި ޖެހުން ކަމަށް އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދީފައިވާ ލޯނު ތަކަކީ ވެސް "ދަރަނީގެ މަޅިއެއް" ކަމަށް ސިފަކުރައްވާފައިވެއެވެ. އެކަމަކު މިހާތަނަށް މި ވާހަކަ އަށް ސަރުކާރުން ސީދާ ޖަވާބެއް ދީފައެއް ނުވެ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު މިއަދު ކުރެއްވި ސުވާލަކާ ގުޅިގެން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ލޯނެއް ހުރީ ގައުމުގެ އެއްޗެއް މޯގޭޖު ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި އެބަހުރި އެހާ ގުޅޭ އަންޑަލައިން އެސެޓެއް މޯގޭޖެއްގެ ގޮތުގަ. އެކަމަކު ސަރުކާރު ތަކުން ނަގާފައިހުރި އަންސެކިއުޑްސް ހަމަ ލޯނު. އެއަށް އަންޑަލައިން އެސެޓެއް ނެތް. ޑިފޯލްޓް ވިއަސް ބަޔަކު އައިސް ގެންދާނެ އެސެޓެއް ނެތް،" އަމީރު ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި އެބަހުރި އެކަން އެގޮތަށް ކޮށްފަ. އަޅުގަނޑުމެންނަށް ވެސް 2019 އިން ފެށިގެން މިހިސާބަށް ފިނޭންސް މިނިސްޓަރުކަމުގައި ކުރާ މަސައްކަތުގައި ވެސް އާދެ ޕްރޮޕޯސަލް އެއްޗިހި މޯގޭޖުކޮށްލައިގެން 200 މިލިއަން ޑޮލަރު ދޭނަމޭ. އަޅުގަނޑުމެން މި ބުނަނީ ނޫނެކޭ. އަޅުގަނޑުމެން ލޯނު މި ނަގަނީ އިގްތިސޯދީ ފުޅަހެޔޮކަމަށް ބަލާފަ ލޯނު މި ނަގަނީ،" އަމީރު ވިދާޅުވި އެވެ. "ޗައިނާ ވިއަސް އެހެން ގައުމެއް ވިޔަސް އަޅުގަނޑުމެން ދަރަނި ނެގުމުގައި މި ބަލަނީ ކޮސްޓް އޮފް ބްރޯއިން. އެވަރިހަމަ ކޮންމެ ތަނަކުން ވިއަސް. އަޅުގަނޑުމެން ނުބަލަން ވަކި ގައުމެއް."

ޗައިނާއިން އެންމެ ގިނައިން ދަރަނި ނަގާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެގޮތުން ހިޔާ ފްލެޓާއި ވީއައިއޭ ތަރައްގީ ކުރަންވެސް ޗައިނާގެ ބޭންކްތަކުން ރާއްޖެއަށް ލޯނު ދީފައިވެ އެވެ.