ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފި: އެޗްޕީއޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އެދޭ ކަމަށެވެ. އެ އެޖެންސީން މިކަމަށް އެދިފައިވަނީ މިދިޔަ ހަފްތާގައި އެކަނިވެސް 142 މީހަކަށް ކޮވިޑް ޖެހިފައިވާކަން ހާމަކޮށް ތަފާސް ހިސާބު އާންމު ކުރުމަށް ފަހު އެވެ. މިއީ މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކަށް ވުރެ މަތީ ނަންބަރެވެ.

ޖޫން ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި 142 މީހުންގެ ތެރެއިން 50 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. 40 މީހުން ނިސްބަތްވަނީ އަތޮޅުތަކަށެވެ. 52 މީހަކު ނިސްބަތް ވަނީ ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ރަށްތަކަށެވެ.

ރާއްޖެއިން މިހާތަނަށް 179،979 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި އެ ބަލީގައި 299 މީހަކު މަރުވިއެވެ.

ކޮވިޑްގައި ދިވެހީން ވަނީ ނުރައްކާތެރި ހަތަރު ރާޅެއް ތަޖުރިބާ ކޮށްފައެވެ. ބައެއް ދުވަސް ދުވަހު 3،000 ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. ބައެއް ދުވަސްތަކުގައި އެތައް ބަޔަކު މަރުވިއެވެ. އެއް ދުވަހާ 13 މީހަކު އެ ބަލީގައި މަރުވިއެވެ.