އިލެކްޝަންސް ކޮމިޝަން

ޕާޓީތަކުން ފޯމު ހުށަހަޅަންޖެހޭ މުއްދަތު މިރޭ ހަމަވާނެ

ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ޕާޓީތަކުން އެ އަދަދަށް މެމްބަރުން ހަމަކުރުމަށް ގާނޫނުން ދީފައިވާ މުއްދަތު މިރޭ ހަމަވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ ގާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 10:00 އާ ހަމައަށް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 3،000 މެންބަރުން ހަމަވަނީ ހަތް ޕާޓީގަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވަނީ ރާއްޖޭގައި ދެވަނަ އުފެއްދި ޕާޓީ -- ޑީއާރްޕީއާއި، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.

އެމްއާރްއެމް އަދި އެމްޓީޑީ އިން ވަނީ 3000 މެމްބަރުން ހަމަކުރުމަށްފަހު އީސީއަށް ފޯމު ހުށަހަޅާފަ އެވެ. މި މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާ ޕާޓީތައް އުވިގެންދާނެ އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ތިބުމުން މިއަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީ އަކަށް ފައިސާ ވެސް ދީފައިވެ އެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.