ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ނަސަންދުރަ ހަވާލުކުރުމުގައި ހިޔާނާތް އެކުލެވޭތީ އަދީބަށް ދައުވާކުރަން ފޮނުވައިފި

ޒަމާނީ ފެންވަރަށް ނަސަންދުރަ ޕެލެސް ހޮޓެލް ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތުކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން އެދި މައްސަލަ ޕީޖީއަށް ފޮނުވައިފިއެވެ. ޕީޖީގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރުމަށްފަހު، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އިއްޔެ އެވެ. މި މައްސަލައިގެ ތަހުގީގުގައި އަދީބާ ސުވާލުކޮށްފައިވާއިރު އަދީބުގެ ބަޔާނެއް ވެސް ވަނީ ނަގާފަ އެވެ.

ކުރީގެ ނަސަންދުރަ ތަޅާލުމަށްފަހު އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ގެލެކްސީ އެންޓްޕްރައިޒަސް ޕްރައިވެޓް ލިމިޑެޓާއެވެ. އެ ކުންފުނިން ވަނީ އެ ހޮޓެލް ތަރައްގީ ކުރުމަށް ސްރީލަންކާގެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި މައްސަލަ ޕީޖީއަށް ފޮނުވި އިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިތުރު 24 ރަށެއް އަދީބު ބަޔަކަށް ދިން މައްސަލާގައިވެސް ދައުވާ އުފުލަން އެދި ޕީޖީއަށް ވަނީ ފޮނުވާފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

އެމްއެއެމްޕީއާރްސީގެ ފައިސާއަށް ޒިޔަތު ހިޔާނާތްވެފައިވާތީ ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލާފައިވާއިރު އެ ދައުވާގައި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެމްއެމްޕީއާރްސީން ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ރަށްތައް ދޫކުރުމަށްފަހު ލިބިފައިވާ ފައިސާ ނަހަމަގޮތުގައި ޒިޔަތު ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ދައުވާއެވެ.

އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނާ މައްސަލައިގައި އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވެއެވެ. އަދިވެސް ގިނަ ދައުވާތަކެއް އަދީބުގެ މައްޗަށް ކުރެވޭނެ ކަމަށް ބެލެވެއެވެ. ފިނިފެންމާ ހާދިސާގެ ތުހުމަތުގައި ހައްޔަރުކުރި އަދީބުގެ މައްޗަށް އެ މައްސަލައާ ގުޅޭގޮތުން ދައުވާއެއް އުފުލާފައެއް ނުވެއެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މި މަހުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރަން ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.