ޖޭއެސްސީ

ހައިކޯޓަށާއި އިތުރު ކޯޓުތަކަށް ފަނޑިޔާރުން ހޯދަނީ

ހައިކޯޓަށާއި އިތުރު ކޯޓުތަކަށް ފަނޑިޔާރުންނަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީ އިން މިއަދު ވަނީ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަށް އިއުލާނުކޮށްފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފައި ވަނީ ޖޭއެސްސީ އިން ބެލި ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައަކާ ގުޅިގެން ދެ ފަނޑިޔާރަކު އިސްތިއުފާދީ، އަދި އެއް ފަނޑިޔާރަކު ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ. އެގޮތުން މައްސަލަ ބަލަމުން ދަނިކޮށް ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވި އެވެ. ދެން އެ މައްސަލައިގައި ހިމެނޭ އަބުދުﷲ ހަމީދު ވަނީ މަޖިލީހުން ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.

ޖޭއެސްސީ އިން ތިން ފަނޑިޔާރުންގެ މައްސަލަ ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނެ އެވެ. މި ފްލެޓް ފަނޑިޔާރުން ބައްލަވައިގެންފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެ މައްސަލަ ތިން ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވި އެވެ.

ކުރީގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން ހައިކޯޓުން މީގެ ކުރިން ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި އެވެ. އެ ފުރުސަތުގައި ދެ ފަރާތަކުން ކުރިމަތިލި އެވެ. އެއީ ފެމެލީ ކޯޓުގެ އިސް ގާޒީ، ހުޒައިފާ މުހައްމަދާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ އާއިލީ ބޭފުޅެއް ކަމަށްވާ ޝުކުރުﷲ ޝަކީލް އެވެ.

މީގެ އިތުރުން ޖޭއެސްސީ އިން ވަނީ ހަތް މެޖިސްޓްރޭޓް ކޯޓަކަށް ވެސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނުކޮށްފަ އެވެ. މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 18،850 ރުފިޔާ އެވެ. އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރަ އަކީ 21،000 ރުފިޔާ އެވެ. މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންނަށް ލިވިން އެލަވަސްގެ ގޮތުގައި 4000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސްގެ ގޮތުގައި 600 ރުފިޔާ އާއި ފޯނު އެލަވަންސް އަދި މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.

މެޖިސްޓްރޭޓުން ހޯދާ ކޯޓުތައް

  • ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓު - އިސްމެޖިސްޓްރޭޓް
  • ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު - އިސްމެޖިސްޓްރޭޓް
  • ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު - އިސްމެޖިސްޓްރޭޓް
  • ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު - އިސްމެޖިސްޓްރޭޓް
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓު - އިސްމެޖިސްޓްރޭޓް
  • ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު - އިސްމެޖިސްޓްރޭޓް
  • ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު - މެޖިސްޓްރޭޓް

ހައިކޯޓު ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މެޖިސްޓްރޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.