ހަބަރު

ކަންބޮޑުވުންތަކާއެކު ހދ. އަތޮޅުގެ ވަފުދެއް މާލެއަށް

ހދ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ވަފުދެއް މާލެއަށް ދަތުރުކުރަން ނިންމައިފިއެވެ. މި ދަތުރަކީ އެ އަތޮޅުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ކުރާ ދަތުރެކެވެ.

ދަތުރާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފު އިހުސާން ވިދާޅުވީ، އަތޮޅުގެ 13 ރަށުގެ ކައުންސިލްތަކުގެ 13 ރައީސުން އަދި އަތޮޅު ކައުންސިލްގެ ރައީސް މި ދަތުރުގައި ބައިވެރިވާނެ ކަމަށެވެ. މި ދަތުރަކީ އަތޮޅުގައި ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލެއް ހޯދަންކުރާ ދަތުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޝަގީފު ވިދާޅުވީ ދަތުރުގައި ސަރުކާރުގެ މިނިސްޓްރީތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް މިހާރު، އެޕޮއިންޓްމެންޓްތައް ހެއްދުމުގެ މަސައްކަތް ކުރާ ކަމަށާއި ފަސް މިނިސްޓްރީއަކާއެކު ބައްދަލުވުންތައް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.

ހދ. އަތޮޅު ކައުންސިލްގެ އިސްނެގުމަށް މި ދަތުރު މާލެއަށް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 21 އަށެވެ.

ޝަފީގު ވިދާޅުވީ ހދ. އަތޮޅުގައި ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ވަކިވަކި ރަށްރަށުގައި ވެސް ހުރި މައްސަލަތައް ހުރި އިރު ރައްޔިތުންގެ ޝަކުވާތައް ވެސް ސަރުކާރާ ހިއްސާކުރަން ނިންމާފައިވާ ކަމަށެވެ.