ބޮލީވުޑް

މެޔަށް އުނދަގޫތަކެއް ވެގެން ކުއްލިއަކަށް ދީޕިކާ ހޮސްޕިޓަލަށް

ފިލްމެއްގެ ސެޓެއްގައި ހުއްޓާ ކުއްލިއަކަށް މެޔަށް އުނދަގޫތަކެއްވެ ބަލިވެގެން ދީޕިކާ ޕަދުކޯން ހޮސްޕިޓަލަށް އިމަޖެންސީކޮށް ގެންގޮއްސި އެވެ. "ޕްރޮޖެކްޓް ކޭ" ކިޔާ ފިލްމެއްގެ މަސައްކަތުގައި އިންޑިޔާގެ ހައިދަރުއާބާދުގެ ފިލްމު ސެޓެއްގައި ހުއްޓާ ދީޕިކާ އަށް ދިމާވި މި މައްސަލައިގައި ހޮސްޕިޓަލުން ފަރުވާދީ މިހާރު ހާލު ރަނގަޅުކަމަށް ޚަބަރުތައް ބުނެ އެވެ.

ދީޕިކާ ހޮސްޕިޓަލަށް ކުއްލިއަކަށް ގެންދިޔައީ ހިތުގެ ހިނގުމަށް ބަދަލުތަކެއް އައިސް މާ ބޮޑަށް މެޔަށް އުނދަގޫވެ ނޭވާލާން ދަތިވާ ކަހަލަ ގޮތެއް ވެގެން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ދީޕިކާގެ ޓީމުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ފިލްމުގެ ސެޓުގައި ތިބި މީހުން މައުލޫމާތު ދިން ގޮތުގައި ފަރުވާ އަށް ފަހު ދީޕިކާ އަލުން އެނބުރި ސެޓަށް އައިސް އަރާމު ކުރަމުންދެ އެވެ.

"ޕްރޮޖެކްޓް ކޭ" އަކީ ޕްރަބާސް އާއި އަމީތާބް ބައްޗަން އަދި ދިޝާ ޕަޓްނީ އާއެކު ދީޕިކާ ކުޅެމުންދާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ނާގް އަޝްވިން އެވެ.

މި ފިލްމު ނޫނަސް ދީޕިކާ މިހާރު ގިނަ ފިލްމުތަކެއްގައި އެއްފަހަރާ ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޝާހް ރުކް ޚާނާއި ޖޯން އަބްރަހަމް އާއެކު ކުޅޭ "ޕަތާން" އާއި ރިތިކް ރޯޝަން އާއެކު ކުޅޭ "ފައިޓާ" ހިމެނެ އެވެ. އަދި އަމީތާބް ބައްޗަން އާއެކު ކުޅޭ "ދި އިންޓާން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އޭނާ ކުރަން ވަނީ ހަމަޖެހިފަ އެވެ.