ބޮލީވުޑް

ފީފާ ވޯލްޑްކަޕް ޓްރޮފީ ހާމަކުރުމުގެ ޝަރަފު ލިބި ދީޕިކާ ތާރީޚުގެ ތެރެއަށް

ފީފާ ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން ރޭ ދަނޑަށް އެރި ދެ މީހުންގެ ތެރެއިން އެކަކީ ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން އެވެ. އަނެއް މީހާ އަކީ ސްޕޭނުގެ ކުރީގެ ވަރަށް މަޝްހޫރު ފުޓޫބޯޅަ ކުޅުންތެރިއެއް ކަމަށްވާ އިކާ ކެސިލަސް ފަނާންޑިޒް އެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ރޭ އޮތް ހަފުލާގައި ދީޕިކާ ބައިވެރިވެ ވޯލްޑްކަޕް ތަށި ދައްކާލީ ފައިނަލް މެޗުގެ ކުރިން އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަށާރަ ކެރެޓް ރަނުން ހަދާފައިވަނީ 6.175 ކިލޯގެ ބަރުދަނުގެ މި ޓްރޮފީ ދައްކާލުމުގެ ފުރުސަތު ދީޕިކާ ފިޔަވައި އެހެން އެއްވެސް އިންޑިޔާ ރައްޔިތަކަށް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ރީތި ހިނިތުންވުމަކާއެކު އެހާ ރީއްޗަށް ހެދުން އަޅައި ނަލަހެދިގެން ދީޕިކާ ދަނޑަށް އަރައި މުޅި ދުނިޔެއަށް އޭނާގެ ރީތިކަން ދައްކާލާފައި ވެއެވެ. ދީޕިކާ މި އިވެންޓްގައި ބައިވެރިވީ ޝާހް ރުކް ޚާން އާއެކު ދީޕިކާ ކުޅޭ "ޕަތާން" ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އިންޑިޔާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ދީޕިކާ ވަރަށް މަޝްހޫރެވެ. އަދި ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ 10 ވަނައިގައި މިހާރު އޮތީ ވެސް ދީޕިކާ އެވެ. މަޝްހޫރު އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ތެރެއިން ވަރަށް ގިނަ ބްރޭންޑްތަކެއްގެ އިޝްތިހާރު ވެސް މިހާރު ކުޅެނީ ހަމަ ދީޕިކާ އެވެ.

"ޕަތާން"ގައި ޝާހް ރުކް އާއެކު ދީޕިކާ ކުޅެފައިވާ "ބޭޝަރަމް ރަންގް" ބޮއިކޮޓްކުރަން ގޮވައި، ފާޑުކިޔުންތައް އަމާޒުވެފައި ވިޔަސް ކަނޑައެޅިފައިވާ ތާރީޚްގައި ފިލްމު ރިލީޒްކުރަން އެމީހުން ނިންމާފައިވާކަން ފީފާ ވޯލްޑްކަޕްގައި ފިލްމު ޕްރޮމޯޓްކުރަން ދީޕިކާ އާއި ޝާހް ރުކް ގަތަރަށް ގޮސް ކޮށްފައިވާ މަސައްކަތުން ޔަގީން ކުރެވެ އެވެ.

ސިދާރްތު އާނަންދް ޑައިރެކްޓްކޮށްފައިވާ "ޕަތާން" މި ހިނގާ ޑިސެމްބަރު މަހުގެ 23 ވާ ހުކުރު ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.