ބޮލީވުޑް

ދީޕިކާ އަށް 35 އަހަރު، އެކުވެރިންނަށް އޭނަ ވަރެއް ނެތް

ޖެނުއަރީ 5 ވަނަ ދުވަހު ދީޕިކާ ޕަދުކޯން ވަނީ 35 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ. ގިނަ ބަޔަކު ދީޕިކާ ސިފަ ކުރަނީ ހިތްތިރި އެންމެންނާ ގުޅޭ މިޒާޖެއްގެ އެކްޓަރެއްގެ ގޮތުގަ އެވެ.

ބޮލީވުޑްގެ އެންމެން ކަހަލަ ގޮތަކަށް ދީޕިކާ ދެކެ ލޯބިވަނީ އަދި އޭނާއަށް އަބަދުވެސް ހެޔޮ އެދެނީ ހަމަ ގައިމުވެސް އޭނާގެ ކިބައިގައި ކޮންމެވެސް ކަހަލަ ރަނގަޅު ސިފަތަކެއް ހުރީމަ އެވެ.

ދީޕިކާ ތައާރަފްވީ 2007 ގައި "އޯމް ޝާންތީ އޯމް"އިން ޝާހްރުކް ޚާނާ އެކުގަ އެވެ. ތޭރަ އަހަރުގެ ފިލްމީ ކެރިއަރުގައި ވަރަށް ހަނދާނުން ފޮހެލަން ދަތި ރީތި މޮޅު ފިލްމުތަކެއް ދީޕިކާ ވަނީ ކުޅެފަ އެވެ. އަދި އޭނާގެ ގިނަ ފިލްމުތަކަކަށް ލިބުނު ކާމިޔާބާއެކު މި ވަގުތު ދީޕިކާ އަކީ ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ބަތަލާއަށް ވަނީ ވެފަ އެވެ.

ފިލްމު އިންޑަސްޓްރީއަކީ އެކަކު އަނެކަކުގެ ކަރުގައި ހިފަން ތައްޔާރަށް ތިބޭ ބަޔަކު އުޅޭ ތަނެއް ނަމަވެސް ދީޕިކާގެ އެކުވެރިން އެ އިންޑަސްޓްރީގައި ގިނަ އެވެ.

ދީޕިކާގެ އުފަން ދުވަހާ ދިމާކޮށް ބައެއް ފިލްމީ ތަރިން ވަނީ ދީޕިކާ އާ މެދު އެމީހުން ދެކޭ ގޮތް ހާމަކޮށްފަ އެވެ.

އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް އަނަންޔާ ޕާންޑޭގެ އިންސްޓަގްރާމް ސްޓޯރީޒްގައި ޝެއާ ކުރި މެސެޖުގައި އޭނާ ދީޕިކާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައި ވެއެވެ. އަދި ދީޕިކާ އަކީ އޭނާ ބައްދާލަން އެންމެ ބޭނުންވާ މީހާ ކަމަށް 22 އަހަރުގެ އަނަންޔާ ބުނެފައި ވެއެވެ.

ދީޕިކާ އާއި އަނަންޔާ މިހާރު ދަނީ އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަނަންޔާ ބުނީ އެ ދެ މީހުންނަށް ބައްދަލުވެ ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތު ލިބުނީ ދާދި ފަހުން ނަމަވެސް ދީޕިކާ އާއެކު ހޭދަކުރެވުނު ވަގުތުތަކަށް އުފާކުރާ ކަމަށެވެ. ދީޕިކާ އަކީ ވަރަށް ސެންސިޓިވް ސްމާޓް ކުއްޖެއްގެ ގޮތުގައި އަނަންޔާ ސިފަ ކުރި އެވެ.

"ގަލީ ބޯއީ"ގެ އެކްޓަރު ސިދާންތު ޗަތުރަވޭދީ އަކީ މިހާރު ދީޕިކާ އާއެކު ފިލްމެއް ކުޅެމުންދާ އެކްޓަރެކެވެ.

ދީޕިކާގެ އުފަން ދުވަހު ސިދާންތު ވަނީ ދީޕިކާ އަށް ވަރަށް ތައުރީފުކޮށް އިންޑިޔާގެ ނޫހަކަށް އިންޓަވިއު ދީފަ އެވެ. ސިދާންތު ބުނީ ކޮންމެ ކެރެކްޓާއެއް ވެސް ވަރަށް ގަބޫލުކުރަން ފަސޭހަ ގޮތަކަށް ދީޕިކާ ކުޅެލާ ކަމަށެވެ.

އަދި ދީޕިކާ އާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުންކަމަށް ސިދާންތު ބުންޏެވެ.

"ރާޒީ" އެކްޓަރު އާލިއާ ބަޓް އާއި ދީޕިކާގެ މެދުގައި ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އާލިއާ މިހާރު ރައްޓެހިވެގެން އުޅެނީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ ނަމަވެސް މިކަމުގެ ސަބަބުން މި ދެ ބަތަލާއިންގެ ގުޅުމަކަށް ބުރުލެއް ނާރަ އެވެ.

ދީޕިކާގެ އުފަން ދުވަހާ ދިމާކޮށް އިންސްޓަގްރާމްގައި އާލިއާ ވެސް ވަނީ އޭނާއަށް ތަހުނިޔާ ކިޔައި މެސެޖެއް ޝެއާ ކޮށްފަ އެވެ. އެ މެސެޖުގައި އާލިއާ ބުނި ގޮތުގައި ދީޕިކާ އަކީ އެހެން މީހުންނަށް މިސާލަކަށް ފުދޭ ވަރުގެ ބަތަލާ އެކެވެ.

އަދި ރީތިކަމާއި ހުނަރުގެ ގޮތުން ބަލާއިރު އެފަދަ ދެ ވަނަ އެއް ނެތް އެކްޓަރެކެވެ. އާލިއާ ވެސް ވަނީ ދީޕިކާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފަ އެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޖައިޕޫރުގެ ޖަންގައްޔަކަށް ކުރި ސަފާރީ ދަތުރެއްގައި ވެސް ދީޕިކާ އާއި ރަންވީރު ވަނީ އާލިއާ އާއި ރަންބީރު އާއެކު ވަނީ ބައިވެރިވެފަ އެވެ.

މި ނޫނަސް ކެޓުރީނާ ކައިފް ފަދަ ގިނަ އެކްޓަރުންތަކެއް ދީޕިކާ އަށް އުފަންދުވަހުގެ ތަހުނިޔާކިޔައި އޭނާ ދެކެ ވަރަށް ލޯބިވާކަން ވަނީ ހާމަކޮށްފަ އެވެ.