ބޮލީވުޑް

ދީޕިކާގެ ރީތިކަމުގައި ޖާދޫގައި ދޯނީ ވެސް ޖެހުނު

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންނާއި ބޮލިވުޑް ބަތަލާއިންގެ ލޯބީގެ ވާހަކަތައް އަބަދު ވެސް އިވެ އެވެ. މީގެ ތެރެއިން ވިރާޓު ކޯލީ އާއި އަނުޝްކާ ޝަރުމާ ފަދަ ތަރިންގެ ލޯބި، ކައިވެންޏަށް ވެސް ވަނީ ބަދަލުވެފަ އެވެ. ކައިވެނި ނުކުރެވުނަސް ބޮލީވުޑް ރީތި ބަތަލާއިންނަށް ކްރިކެޓް ކުޅުންތެރިންގެ ތެރެއިން ގިނަ ބައެއްގެ ހިތް ދީ އަނެއް ބަޔަކު ރައްޓެހި ވެގެން ވެސް އުޅެފައި ވެއެވެ.

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހިންދުރަ ސިންގް ދޯނީ ވެސް އެއް ދުވަސްވަރެއްގައި ދީޕިކާ ޕަދުކޯން އާ ހެދި މޮޔަވެގެން އުޅުނު ކަމަށް އިންޑިއާގެ ނޫސް މަޖައްލާތަކުގެ ޚަބަރުތައް ބުނެ އެވެ. އެއީ ދީޕިކާގެ ފުރަތަމަ ފިލްމު "އޯމް ޝާންތީ އޯމް" ރިލީޒްކުރި ދުވަސްވަރެވެ. ދޯނީއަށް އޭނާގެ ލޯބި ކާމިޔާބު ނުވެ އުޅެނިކޮށް އޭރު ވަރަށް މަޝްހޫރު އެހެން ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ޔޫވްރާޖް ސިންގް އާއި ދީޕިކާ އާ އަޅުވާ ކިޔަން ފެށުމުން ދޯނީ މަޑުމަޑުން ފަހަތަށް ޖެހި ދީޕިކާ މަތިން ހަނދާން ނައްތާލީ އެވެ.

ދީޕިކާއަކީ ދޯނީގެ ހިތް ދެވުނު ހަމައެކަނި ބަތަލާ އެއް ނޫނެވެ. އާސިން އާއި ރާއީ ލަކްޝްމީއާ ވެސް ދޯނި އާ އަޅުވާ ކިޔާފައި ވެއެވެ.

ޝާހް ރުކް ޚާނާއެކު 2007 ގައި ދީޕިކާ ކުޅުނު "އޯމް ޝާންތީ އޯމް" ރިލީޒްވީތަނާ މާ ގިނަ ދުވަހެއް ނުވެ ދީޕިކާއަށް ވަރަށް ހިތް ކިޔާ ކަމަށް ދޯނީ ވަނީ އެއްބަސްވެފަ އެވެ. އަދި އެ ފިލްމުގެ ސްޕެޝަލް ސްކްރީނިން އެއް ބާއްވައި ދޭން ޝާހް ރުކް ކައިރިން ވެސް އޭނާ އެދުނު ކަމަށް ވެއެވެ.

ފަހުން ދޯނީ ދައުވަތު ދީގެން އޭނާ ކުޅުނު ކްރިކެޓް މެޗެއް ބަލަން ދީޕިކާ ގޮސް އިންދާ ވެސް ފެނުނެވެ. އަދި އެ މެޗުގައި ދީޕިކާ ވަރަށް ގަދަޔަށް ދޯނީއަށް ތަރުހީބު ދިން ތަން ވެސް ފެނުނެވެ.

އޭރު ދޯނީގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ދިގުކޮށްފަ އެވެ. ކުއްލިއަކަށް ފެނުނީ ދޯނީ އިސްތަށިގަނޑު ކުރުކޮށް ކޮށާލިތަނެވެ. އެ ދުވަސްވަރު އިންޑިއާގެ ނޫސްތަކުން ބުނީ ދޯނީ އިސްތަށިގަނޑު ކޮށާލީ ދީޕިކާއަށް އެ ގޮތް ރީތިވެގެން ކަމަށެވެ. ނަމަވެސް ދެ މީހުންގެ ލޯބީގެ މާތައް ނުފޮޅިގެން އުޅެނިކޮށް ޔޫވްރާޖް އާއި ދީޕިކާ އާ އަޅުވައި ކިޔައި ވާހަކަ ދެކެވެން ފެށުމުން ދޯނީ މަޑުމަޑުން ދީޕިކާއާ ދުރަށް ދިޔައީ އެވެ. އަދި 2010 ގައި ދޯނީ ވަނީ ސާކްޝީ ސިންގް ކިޔާ އަންހެންކުއްޖާ ކައިވެނި ކޮށްފަ އެވެ. ސާކްޝީ އަކީ ދޯނީގެ ސްކޫލް ދައުރުއްސުރެ އެކުވެރިއެކެވެ.