ބޮލީވުޑް

އަތިޔާ ޝެޓީ އާއި ރާހޫލްގެ ކައިވެނި މިމަހު 23ގައި

ސުނިލް ޝެޓީގެ ދަރިފުޅު އަދި ބަތަލާ އަތިޔާ ޝެޓީ އާއި އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހޫލްގެ ކައިވެނީގެ ތައްޔާރީތައް ފެށިއްޖެ އެވެ.

އިންޑިޔާގެ ކަންޑާލާގައި ހުންނަ ސުނިލްގެ ފާމް ހައުސްގައި މި ކައިވެނި ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 23ވަނަ ދުވަހު އެވެ.

މި ކައިވެނީގެ ރަސްމިއްޔާތު ތިން ދުވަހަށް ދެމިގެންދާނެ އެވެ. ކައިވެނީގެ ރަސްމިއްޔާތުތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 21ވަނަ ދުވަހު އެވެ. ކައިވެންޏަށް އަންނަ މެހެމާނުން ތިބުމަށް ފާމްހައުސް އާ ކައިރީގައި ހުރި ފައިވް ސްޓާ ހޮޓާތައް ވަނީ ބުކް ކޮށްފަ އެވެ.

އުމުރުން 30 އަހަރުގެ އަތިޔާ ބޮލީވުޑަށް ތައާރަފްވީ 2015ގައި ސަލްމާން ޚާން ޕްރޮޑިއުސްކުރި "ހީރޯ" އިންނެވެ. އޭގެ ފަހުން ވެސް ހަތަރު ފަސް ފިލްމެއް އޭނާ ކުޅެފައިވެ އެވެ. ނަމަވެސް އޭނާގެ ފިލްމުތައް ފްލޮޕްވެ މިހާރު އެއްގޮތަކަށް ވެސް ފިލްމެއް ނުކުޅޭތާ ތިން ހަތަރު އަހަރެއް ވެއްޖެ އެވެ.

ކައިވެނި ކުރުމަށްޓަކައި ރާހޫލް ވެސް ވަނީ މާ ކުރިއްސުރެ ޗުއްޓީ ނަގާފަ އެވެ. އިންޑިޔާ ކުޅޭ ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކުގެ ތެރެއިން ޖެނުއަރީގައި ކުޅެން ހަމަޖެހިފައިވާ އެއްވެސް މެޗަކުން ރާހޫލް ނުފެންނާނެ އެވެ.