އިލެކްޝަންސް ކޮމިޝަން

ނޯޓިސް ދިން ހުރިހާ ޕާޓީއަކުން މެމްބަރުން ހަމަކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ޕާޓީއަށް 3000 މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިން ހުރިހާ ޕާޓީއަކުން އެއަދަދަށް މެމްބަރުން ހަމަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މެމްބަރުން ހަމަކުރުމަށް ޕާޓީތަކަށް އީސީން އެންގީ ރޭގެ ނިޔަލަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވަނީ ރާއްޖޭގައި ދެވަނައަށް އުފެއްދި ޕާޓީ -- ޑީއާރްޕީއާއި، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.

ނޯޓިސް ދިންއިރު ޑީއާރްޕީގެ ރަޖިސްޓްރީގައި އޮތީ 2269 މީހުންނެވެ. އެމްއާރްއެމްގެ ރަޖިސްޓްރީގައި އޮތީ 2280 މީހުންނެވެ. އަދި އެމްޓީޑީގެ ރަޖިސްޓްރީގައި 2457 މީހުން ތިބިއިރު އެމްއެލްއެސްގެ ރަޖިސްޓްރީގައި އޮތީ 2691 މެމްބަރުންނެވެ. އެކަމަކު އިތުރު ފޯމު ހުށަހެޅުމުން މިހާރު މި ޕާޓީތަކަށް 3000 މެމްބަރުން ވަނީ ހަމަވެފަ އެވެ.

ހަތަރު ޕާޓީގައި މިހާރު މެމްބަރުން ތިބި އަދަދު

  • ޑީއާރްޕީ - 3057 މެމްބަރުން
  • އެމްޓީޑީ - 3419 މެމްބަރުން
  • އެމްއެލްއެސް - 3076 މެމްބަރުން
  • އެމްއާރްއެމް - 3677 މެމްބަރުން

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ތިބުމުން މިއަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީ އަކަށް ފައިސާ ވެސް ދީފައިވެ އެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.