ހަބަރު

މިއުޒިކު މައްސަލާގައި ފަންސާސް ސުކޫލެއްގައި އެސެމްބްލީ ނުބޭއްވޭ: ޒަކަރިއްޔާ

މިއުޒިކު ހަރާމް ކަމަށް ބުނާ މައްސަލާގައި ފަންސާސް ސުކޫލުގައި އެސެމްބްލީ ނުބޭއްވޭ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

ޒަކަރިއްޔާ މިހެން ވިދާޅުވީ އެންސީޓީސީ އިން ހިންގާ ހޭލުންތެރި ކުރުމުގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. އެފަދަ ސެޝަންތަކުގައި ރާއްޖޭގައި ހަރުކަށިކަން އޮތްކަން ދައްކަން ހާއްސަކޮށް ސުކޫލު ދަރިވަރުންގެ މެދުގައި ދީނީ ހަރުކަށި ވިސްނުން އޮތްކަން ދައްކަން ދީނުގެ ކަންކަމާއި ގުޅުވާ ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ދައްކާ ކަމަށް އާންމުންގެ ބައެއް މީހުން ބުނެއެވެ. އެފަދަ ސެޝަންތަކުގައި ބައެއް ބޭފުޅުން ދައްކަވާ މިފަދަ ވާހަކަތަކުގެ ސަބަބުން އެތައް ބަޔަކު ކަންބޮޑުވުންވެސް ފާޅުކުރަމުން ގެންދެއެވެ.

އެފަދަ ބަޔަކު ވަނީ އެންސީޓީސީ އިން ހިންގާ ހޭލުންތެރި ކުރުމުގެ ސެޝަނެއްގައި ޒަކަރިއްޔާ މަންސޫރު ދެއްކެވި ވާހަކަތަކެއް އާންމު ކުރައްވާފައެވެ. އާންމުވެފައިވާ އޯޑިއޯގައި ޒަކަރިއްޔާ ވިދާޅުވީ އެ ބޭފުޅުން މަސައްކަތް ކުރައްވަނީ މެދުމިނަކާ ހަމައަށް މުޖްތަމައު ގެންދެވޭތޯ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން އެކި ސެޝަންތައް ބާއްވަމުންދާ ކަމަށެވެ.

ސިފައިންގޭގައި 37 އަހަރުގެ ހިދުމަތް ކުރެއްވުމަށްފަހު ޑިސެންބަރު 9، 2021 ގައި ރިޓަޔާ ކުރައްވާފައިވާ ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މަދުވެގެން 50 ސުކޫލުގައި މިހާރުވެސް ހެނދުނުގެ އެސެމްބްލީ ނުބޭއްވެއެވެ. އެ ސުކޫލުތަކުގައި ގައުމީ ސަލާމާއި ސުކޫލު ލަވަ ނުޖެހޭ ކަމަށެވެ. އެކަން އެހެން ވަނީ މިއުޒިކު ހަރާމް ކަމަށް ބަޔަކު ބުނާ މައްސަލާގައި ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ ސުކޫލުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދު ނުހިނގާ ކަމަށެވެ. އެކަން އެހެން ނުވަނީ ބައެއް ރަށްރަށުގައި ބެލެނިވެރިންގެ ބާރުގައި އަދި ބައެއް ރަށްރަށުގައި އެ ރަށްރަށުގެ ސުކޫލުތަކުގެ ޓީޗަރުންގެ ބާރުގައި ކަމަށް ވިދާޅުވިއެވެ.

"މިހާރުވެސް މޯދެން ފިފްޓީ -- މަދުވެގެން 50 -- ސުކޫލުގައި ރާއްޖޭގައި ހެނދުނު އެސެމްބްލީއެއް ނުބޭއްވޭ. ގައުމީ ސަލާމެއް ނުކިޔޭ. ސުކޫލު ލަވައެއް ނުޖެހޭ. މިއުޒިކު ހަރާމް މައްސަލާގައި. މޯދެން ފިފްޓީ އައިލެންޑްސްގައި ވާހަކައަކީ އެ ސުކޫލުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދެއް ނުހިނގައޭ. ބެލެނިވެރިންގެ ބާރުގައި. ބައެއް ޓީޗަރުންގެ ބާރުގައި،" ޒަކަރިއްޔާ ވިދާޅުވިއެވެ.

މިހާރުވެސް މޯދެން ފިފްޓީ -- މަދުވެގެން 50 -- ސުކޫލުގައި ރާއްޖޭގައި ހެނދުނު އެސެމްބްލީއެއް ނުބޭއްވޭ. ގައުމީ ސަލާމެއް ނުކިޔޭ. ސުކޫލު ލަވައެއް ނުޖެހޭ. މިއުޒިކު ހަރާމް މައްސަލާގައި. މޯދެން ފިފްޓީ އައިލެންޑްސްގައި ވާހަކައަކީ އެ ސުކޫލުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދެއް ނުހިނގައޭ. ބެލެނިވެރިންގެ ބާރުގައި. ބައެއް ޓީޗަރުންގެ ބާރުގައި
ޖެނެރަލް ޒަކަރިއްޔާ މަންސޫރު | ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް

މިއުޒިކު ހަރާމް ކަމަށް ބުނާ މައްސަލާގައި ފަންސާސް ސުކޫލުގައި އެސެމްބްލީ ނުބޭއްވޭ ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވުމާއި އަދި އެކި ސެޝަންތަކުގައި ޒަކަރިއްޔާ ދައްކަވަމުން ގެންދަވާ ވާހަކަތައް ތަހުގީގު ކުރުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. އެފަދަ ސެޝަންތަކުގައި މަސައްކަތް ކުރަނީ ކުއްޖާ ދީނާ ދުރުކުރުވާ ދީނާ ހިލާފު ކަންކަން ފެތުރުމަށް ކަމަށްވެސް ބައެއް މީހުން ދެކެއެވެ. މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ "ހަފްތާ ރެސް" ޕްރޮގްރާމުގައި ސުކޫލު ވަގުތުގައި ވަގުތަށް ނަމާދު ކުރުމަށް ދަރިވަރަކު އުޅޭނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ދީފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ޔޫތު މިނިސްޓްރީން އެކަން ދޮގުކުރެއެވެ.

ނަމަވެސް އެފަދައިން ލިޔެފައިވާ ބޯޑެއް "ހަފްތާ ރެސް" ޕްރޮގްރާމުގެ ސެޝަނެއްގައި ބޭނުން ކުރަނިކޮށް ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. އެ ފޮޓޯތައް ފުރަތަމަ އާންމު ކުރީވެސް ޔޫތު މިނިސްޓްރީންނެވެ. މައްސަލަ ބޮޑުވުމުން އެކަން ދޮގުކޮށް ބަޔާނެއް ނެރުނީ އެ ފޮޓޯ ފެންނަ ޓްވީޓް ފުހެލުމަށް ފަހު އެވެ.

މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުންދާ ކަމުގެ އަލާމާތެއް ކަމަށް ބުނެ މައުލޫމާތު ދިން ކަމެއް އެކަމަނާއަށް އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ސްކޫލުތަކުގައި ދަރިވަރުން ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމާދުކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށްވާތީ ސްކޫލުތަކުގައި ނަމާދުކުރުމަށް ހިތްވަރު ދޭނެ ކަމަށެވެ.

ތައުލީމީ ދާއިރާގައި ބޭނުންކުރާ ބައެއް ފޮތްތަކުގައި އިސްލާމް ދީނާ ފުށުއަރާ ބައެއް ވާހަކަތައް ހުރުމުންނާއި ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތުގައި ގުރުއާންގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލައެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވެ އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.