ލައިފްސްޓައިލް

ވެއްލަގަވީ: ފައިވާނަށް އަރައިގެން އުޅުން މަނާ އަވަށެއް!

އިންޑިއާގެ އެކި ހިސާބުތަކުގައި ވަރަށް ތަފާތު ސަގާފަތްތައް އޮވެ އެވެ. އެގޮތުން ޓެމިލް ނާޑޫ ކައިރީގައި އޮންނަ ކުޑަ ކުޑަ އަވަށެއްގައި އޮންނަ ސަގާފަތުގެ ގޮތުން އެ އަވަށުގައި އުޅޭ އެއްވެސް މީހަކަށް ބޫޓަކަށް ފައިވާނަކަށް އަރައިގެނެއް ނޫޅެވޭނެ އެވެ. އަވަށު ތެރޭގައި އުޅެން ޖެހޭނީ ހުސްފަޔާ އެވެ.

ވެއްލަގަވީ އަވަށަކީ ޓެމިލް ނާޑޫގެ ޖަންގަލީގެ އޭރިއާގައި އޮންނަ ކުޑަ އަވަށެކެވެ. މި އަވަށުގެ އެއްވެސް މީހަކު ފައިވާނަކަށް އަރައިގެން އުޅޭތަން ފެނިއްޖެނަމަ އެމީހަކަށް އަދަބު ދޭނެ އެވެ.

މި އަވަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެ އެވެ. އެކަމަކު އަވަށުގެ ގޭގެއަށް ވަންނަން ހިނގާނެ މަގުތަކެއް އެ އަވަށަކު ނޯވެ އެވެ. އަދި އަވަށަށް ދާން ވެސް ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. ސަބަބަކީ އަވަށް އޮންނަނީ ފަރުބަދައެއްގެ މަތީގައި ކަމަށް ވެފައި ފަރުބަދައަށް އަރާނެ މަގުތައް ނެތުމުން އެ އަވަށަށް ދާން މީހުން ފަރުބަދައަށް އަރަނީ ވަރަށް ހާލުން ކަމަށް ވާތީ އެވެ.

އަވަށަށް ވަދެވޭނީ ވަކި ތަނަކުންނެވެ. އެތަނުގައި ބޮޑު ގަހެއް ހުރެ އެވެ. އެ އަވަށުގެ ގިނަ މީހުން އަޅުކަން ކުރަނީ އެ ގަހަށެވެ. އެހެންވެ މި ގަސް ހުރަސްކޮށް އަވަށް ތެރެއަށް ވަންނަން ޖެހޭނީ ހުސް ފަޔާ އެވެ. ސަބަބަކީ އަވަށު މީހުން އަޅުކަން ކުރާ ތަނެއްގެ ގޮތުގައި މުޅި އަވަށް ވެސް ބަލާތީ އެވެ.

ކިތަންމެ ހޫނަސް ކިތަންމެ ފިންޏަސް އެއްވެސް މީހަކަށް އެ އަވަށުގައި ފައިވާނަށް އަރައިގެން އުޅުމުގެ ހުއްދައެއް ނޯވެ އެވެ. ވަރަށް ހޫނު މޫސުމުގައި އެ އަވަށުގެ ވަރަށް ދުވަސްވީ މަދު މީހަކަށް ހާއްސަ ހުއްދައެއް ދީގެން ފައިވާނަށް އެރެ އެވެ. މި އަވަށުގައި ކޮންމެ ދެ ތިން ގެއެއް ދޭތެރޭގައި ހުންނަނީ ފައްޅި އެވެ. އަދި ކުޑަ ސައިހޮޓަލަކާއި ގޭގެއަށް ބޭނުންވާ ކާބޯތަކެތި ވިއްކާ ކުޑަ ފިހާރައެއް ހުންނަނީ އަވަށުގެ ފުލުގަ އެވެ. އާއްމުކޮށް ގޭގޭގައި ބޭނުންކުރާ ތަކެތި ގަންނަން ވެސް އެ އަވަށުގެ މީހުން ދަނީ ޖެހިގެން އޮންނަ އަވަށްތަކަށެވެ.

މި އަވަށުގެ އެންމެން ރޭގަނޑު 7.00 ގައި ނިދަން މަޖްބޫރުވާނެ އެވެ. ރޭގަނޑު 7.00 ގެ ފަހުން އެ އަވަށުގައި ގިނަ ކަންތައްތަކެއް ކުރުން މަނާ ވާނެ އެވެ. އޭގެ ތެރޭގައި ބާރަށް ވާހަކަ ދެއްކުން ހިމެނެ އެވެ. އަވަށުގެ އެއްވެސް މީހަކަށް ރޭގަނޑު 7.00 ގެ ފަހުން ބާރަށް ވާހަކަ ދެއްކުން ހުއްދައެއް ނޫނެވެ. އަދި މިއުޒިކް އަޑުއެހުން ވެސް މަނާ ވާނެ އެވެ. އަދި ކުޅިވަރުތައް ކުޅުން ވެސް މަނަލެވެ.

މި ހުރިހާ ކަންކަމެއް މަނާ ކޮށްފައި އޮތަސް އަވަށުގެ މީހުން ދިރި އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށް ވެއެވެ.

ފަރުބަދައަށް އަރަން ލޯބިކުރާ ޓްރެކާއިންނަށް މި އަވަށަކީ "ސުވަރުގެ" އެއް ފަދަ ތަނެކެވެ. ސަބަބަކީ އަވަށުގެ ރީތިކަމާއި ދުނިޔެއާ މުޅިން ގުޅުން ކެނޑިފައި އޮތް ތަނަކަށް ވާތީ އެވެ.

އަވަށަށް ދާން ދަތުރުފަށަން ޖެހޭނީ ފަރުބަދަމަތީގެ ޓޫރިސްޓް ޑެސްޓިނޭޝަނެއް ކަމަށްވާ ކޮޑައިކެނަލް އިންނެވެ. އެހިސާބުން ދެން އެވީ ޓްރެކިން ކުރަމުން އެ އަވަށް އޮންނަ ފަރުބަދަ އަށް އަރާށެވެ.