ސިފައިންނާއި ފުލުހުންގެ އާއިލާތައް ދިރިއުޅޭ ބަނޑޭރިކޮށީގެ ގޯއްޗެއްގައި ހުރި މުރަނގަ ގަހަކުން ވަގަށް މުރަނގަ ފަތް ބިންނަ މީހަކު ދެނެގަތުމަށް ފުލުހުންގެ އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުން މިއަދު ވަނީ މުރަނގަ ފަތް ބިންނަ މީހާގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހަކީ ބަނޑޭރިކޮށީގެ ގޯއްޗެއްގައި ހުރި މުރަނގަ ގަހަކުން އެކި ދުވަސްމަތިން ވަގަށް މުރަނގަ ފަތް ބިންނަ ކަމުގެ ތުހުމަތުގައީ ހޯދާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.
މިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.