އެޗްޑީސީ

އެޗްޑީސީއަށް ފައިސާ ދައްކަން ހުޅުވި އެކައުންޓްތައް ބަންދުކުރަނީ

Jun 16, 2022

ހުޅުމާލެ އިން ގަނެފައިވާ ބިމާއި އެއްމެދު އިމާރާތަކަށް ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ލޯނު އެކައުންޓްތައް ބަންދުކުރަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލޯނު އެކައުންޓްތައް ބެލެހެއްޓުމުގައި ތަފާތު އެކި މައްސަލަތައް ދިމާވަމުންދާތީ އެކައުންޓްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދިމާވާ މައްސަލަތަކުގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އެޗްޑީސީން ބުނީ ލޯނު އެކައުންޓްތައް ބަންދުކުރުމާ އެކު ކަސްޓަމަރުންގެ ބެންކް އޮފް މޯލްޑިވްސް އެކައުންޓުން "އޮޓޮމެޓިކް ޑައިރެކްޓް ޑެބިޓް" އުސޫލު މެދުވެރިކޮށް ފައިސާ ކެނޑުން ހުއްޓިގެންދާނެ ކަމަށެވެ.

"މިގޮތުން 30 ޖޫން 2022 އަކީ އޮޓޮމެޓިކް ޑިޑަކްޝަން މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ކެނޑޭނެ އެންމެ ފަހު ތާރީހު ކަމުގައި ދަންނަވަމެވެ. މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ،" އިއުލާންގައިވެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ކުރިއަށް އޮތް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފައިސާ ދެއްކުމަށްޓަކައި އެ ކުންފުނިން ތައާރަފްކޮށްފައިވާ "މައިހުޅުމާލެ" ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށްޓަކައި ހާއްސަކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.