ފީއަލި

މިވެރިކަމުގައި ފީއަލީގެ ބިން ހިއްކަން ފަށާނަން: ރައީސް

Jun 16, 2022

ފ. ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މިވެރިކަމުގައި ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ފީއަލި ކައުންސިލަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންނާ އެކު މިއަދު މެންދުރުފަހު، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މިބައްދަލަކުރެއްވުމުގައި ފީއަލި ނިސްބަތްވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމު (ދޮންބިލަތް) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލުން އެންމެ ބޮޑަށް އެދުނީ ފީއަލީގެ ބިންހިއްކުމުގެ މަޝްރޫއު އަވަސް ކޮށްދިނުމަށެވެ. އެކަމަށް ޖަވާބެއް ދެއްވަމުން ރައީސް ސޯލިހް ވަނީ މިވެރިކަމުގައި އެ މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފީއަލި ކައުންސިލުން ފާހަގަކުރި އިތުރު ކަންކަމުގެ ތެރޭގައި ސިއްހީ މަރުކަޒުގެ މަޝްރޫއާއި، އެރަށު ވޮލީކޯޓުގެ މަޝްރޫއު އަވަސްކޮށްދިނުމަށް ހުށަހެޅި އެވެ. މީގެ އިތުރުން ފީއަލި ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިމާރާތް ކޮށްދިނުމާއި، ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދިނުމާއި، ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްސައިދިނުމާއި، އައިސް ޕްލާންޓެއް ގާއިމުކުރި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ގާއިމުކޮށްދިނުމަށްވެސް ހުށަހެޅި އެވެ. އަދި ރަށުގެ އާބާދީއަށް އެކަށޭނަ މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި، ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ހިއްސާކޮށްފައިވެ އެވެ.

މިބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީގެ ފަރާތުން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކޮށްފަ އެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގައި މި ސަރުކާރުން ފީއައްޔަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަމުގައި ކައުންސިލުން ވިދާޅުވެ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި މި ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފީއަލި ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހް ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ލިބުމަކީ ރަށްރަށް ތަރައްގީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމުގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.