ބިއްލޫރި ޝީޓުތަކެއްގެ ދަށުވި މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ނ. އަތޮޅު ރިސޯޓެއްގައެވެ. ބިއްލޫރި ޝީޓުތަކެއްގެ ދަށުވެ ތިން މީހަކަށް އަނިޔާވި އެެވެ. އޭގެ ތެރެއިން އެކަކު ވަނީ މިރޭ މަރުވެފައެވެ. އެކަން އެ މީހުންނަށް ފަރުވާ ދިން އުނގޫފާރު ރީޖަނަަލް ހޮސްޕިޓަލާ ހަވާލާދީ އެ ރަށު ކައުންސިލުން ވަނީ ޔަގީންކޮށްދީފައެވެ.
އެ ހޮސްޕިޓަލުން ބުނީ އަނިޔާވި އެކަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަނެއް މީހާގެ ހާލު ސީރިއަސް އެވެ. އަދި އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އަނިޔާވީ ބަންގްލަދޭޝްގެ ތިން މީހުންނެވެ.
ބިއްލޫރި ޝީޓުތަކެއްގެ ދަށުވި މީހަކު މަރުވެފައިވާއިރު ހުޅުމާލެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނާއަކުން މާބުލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކަށް އަނިޔާވެ އެ ދެ މީހުންވެސް ވަނީ މަރުވެފައެވެ. އެކަކު މަރުވީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީންނެވެ. އަނެކަކު މަރުވީ މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.