ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) މިރޭ ވިދާޅުވެއްޖެ އެވެ.
ތޯރިގް މިހެން ވިދާޅުވީ "ނަބިއްޔާގެ ދިފާއުގައި" މި ނަމުގައި ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ކާނިވާ ސްޓޭޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ތޯރިގް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކަންކަން ވެގެން ދިޔަގޮތުން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ސޯލިހަށް ކަމަށާ އެމަނިކުފާނަކީ ރައްޔިތުންގެ 51 އިންސައްތަ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށެވެ.
އަދި ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް އިއުލާނު ކުރެއްވި ނޫސްވެރިންގެ ބައްދަލްވުމުގައިވެސް އެމަނިކުފާނަކީ އެކަނި ނިކުންނަވައިގެން ތާއީދު ލިބިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރައްވާފައިވާ ކަމަށެވެ. ތޯރިގް ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަހު ފެންނަ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ފުރުސަތު ބޮޑީ އިންތިހާބުގައި ވާދަ ނުކުރެއްވުމެވެ.
އަދި ވިދާޅުވީ ރައީސް ސޯލިހަކީ މިހާރު އޮތް ސިޔާސީ މަސްރަހަށް ފިޓް ބޭފުޅެއް ނޫން ކަމަށެވެ. އެފަދަ ހިތްވަރެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.
"މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު މިދާގޮތަށް ބަލާއިރު ރައީސް ސޯލިހް 2023 ވަނަ އަހަރުގެ ޓިކެޓްގައި ވާދަނުކުރުމުގެ ފުރުސަތު ބޮޑީ. އަމިއްލަފުޅަށް ގަބޫލުކުރައްވާނެ ތިމަންނާއަށް ނުވާނޭ، އެހެން ހިތާ ވާދަނުކޮށް ރީތި ގޮތުގައި ޝަރަފުވެރިކަމާއެކު ފަސް އަހަރު ވެރިކަން ކުރެއްވި ރައީސެއްގެ ގޮތުގައި ހުންނަވާނެ ތަން އަޅުގަނޑުމެންނަށް ފެންނަނީ. މިކަނޑުގައި މި ވާދަވެރި ކަމުގައި ވާދަކުރުމުގެ ހިތްވަރެއް ރައީސް ސޯލިހްގެ ނެތް،" ތޯރިގް ވިދާޅުވިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.