ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގ

Jun 18, 2022

ށ. ފުނަދޫ ސްކޫލުގެ 50 އަހަރުގެ ދިގު ތާރީހުގައި ބިނާކޮށްދީފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސްކޫލުން މުޖުތަމައަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފުނަދޫ އަދި އެ ސަރަހައްދުގެ އެކި ދާއިރާތަކުގައި އިސް މަގާމުތައް މިހާރު ފުރުއްވަން ތިއްބެވީ ފުނަދޫ ސްކޫލުން ދަރިވަރުވެފައިވާ ބޭފުޅުންކަން ފާހަގަކުރައްވާފަ އެވެ.

ފުނަދޫ ސްކޫލުގެ މުހިންމު ބައެއް ކާމިޔާބީތަކާ ގުޅޭގޮތުން ރައީސު ސޯލިހް ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމުގައެވެ. އަދި ނިމިދިޔަ ދިރާސީ އަހަރު، އޯލެވެލް އިމްތިހާނުގައި އެ ސްކޫލުން ހޯދާފައިވާ ކާމިޔާބީ ރައީސް ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިހާރު ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުން ކަމަށެވެ. އަދި މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުން ކަމަށެވެ.

ރައީސް ވިދާޅުވީ ހިލޭ ޑިގްރީއާ އަދި ރާއްޖޭން ބޭރުން ކިޔެވުމަށް ސަރުކާރުން ފުރުސަތުތައް އިތުރުކޮށްދީފައިވާ މައިގަނޑު އަމާޒަކީ ވެސް ޒަމާނީ އިލްމުގެ އަލީގައި މީހުން ބިނާކުރުން ކަމަށެވެ.

"ތިޔަ ކުދިން ކިޔަވާއިރުވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދު ވެސް ވިސްނަންޖެހޭނެ. މުޅި މުޖުތަމައާ މެދު ވިސްނުން ހިންގަންޖެހޭނެ. މި ރަށާއި މި އަތޮޅުގެ ހާލަތާއި، އެ ހާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން މުޅި ރާއްޖޭގެ ސްކޫލްތަކުގެ އުމުރާނީ ތަރައްގީއަށް ކުރާ މަސައްކަތްތަކާއި ތައުލީމީ ދާއިރާއަށް ސަރުކާރުން ގެންނަމުންދާ ހެޔޮބަދަލުތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ސްކޫލްތަކުގެ އުމުރާނީ ތަރައްގީއަށް ރާވާފައިވާ 203 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމާއި އަދި މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނައި ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫއެއް ކުރިއަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭ ގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައިީސް ވަނީ ފުނަދޫ ތަރައްގީއަށް މުހިންމު ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށަން ނިންމަވާފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ލަސްތަކެއް ނުވެ ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފުނަދޫ ސްކޫލް އުފައްދާފައިވަނީ މަކްތަބުލް މުނީރުގެ ނަމުގައި 1972 ވަނަ އަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހުގައެވެ.