ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީއަށް މަދު ވޯޓު ލިބޭ ފުނަދޫއަށް ރައީސްގެ ގިނަ ވައުދުތަކެއް

އިންތިހާބުތަކުގައި އެމްޑީޕީއަށް މަދު ވޯޓު ލިބޭ ށ. ފުނަދޫއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ށ. ފުނަދޫއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ފުނަދޫގެ ތަރައްގީއަށް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ފުނަދޫގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއު ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ފުނަދޫ ފަޅުގައި އޮންނަ ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގާ އެކަމުން ރަށަށް އާމްދަނީ ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފުނަދޫގެ ފެނުގެ ނިޒާމުގެ މަޝްރޫއު ނިމުމުން ރަށުގެ މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ނިންމާފައިވާ ކަމަށާއި އެކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފުނަދޫގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅާ ރަށުގެ ސްކޫލަށް ބޭނުންވާ ކްލާސް ރޫމް އިތުރުކޮށްދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރޯ ހައުސް ނުވަތަ ފްލެޓު އެޅުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށާއި މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހެދުމަށް ފުނަދޫގައި އައިސް ޕްލާންޓެއް އަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި އެވެ.