ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ ވިސްނުމެއްގެ ސަބަބުން ތަފާތެއް ނުކުރާނަން: ރައީސް

Jun 18, 2022
1

ބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ށ. ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންނާ މިއަދު ފުނަދޫގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފަ އެވެ. ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި އެއާޕޯޓު ސަރަހައްދަށް ދާން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ހެދުމާއި ފެރީ ނެޓްވޯކް ފެށޭއިރު ބަނދަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަމުންދިއުމުގެ އިތުރުން ޔޫތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވެ އެވެ.

ކައުންސިލަރުންގެ ވާހަކަތަކަށްފަހު ރައީސް ސޯލިހް ވިދާޅުވީ އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އެއްވެސް ތަފާތެއް ނުގެންގުޅުއްވާ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށް ގެންދަވާނެ ކަމަށާ، ސްކޫލަށް އިތުރުކުރެވޭ 15 ކްލާސްރޫމުގެ މަސައްކަތް ކުރިއަށްދާކަމާއި، ފުނަދޫ ސްކޫލުގައި ސްޓާފް ރޫމެއް ހިމެނޭހެން އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ށ. އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ހެލްތު ސެންޓަރުތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހެލްތު ސެންޓަރުތަކަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަމާއި މެޑިކަލް ކޮންޒިއުމަބުލް ހޯދުމުގައި ހުރި ދަތިތަކާއި ހަރުމުދާ ހޯދުމުގައި ހުރި ދަތިތަކާއި އިންސާނީ ވަސީލަތް ހޯދުމުގައި ހުރި ދަތިތައް ހިމެނެ އެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ ވެރިން ފާހަގަކުރެއްވި ބަޖެޓުގެ މައްސަލަތައް ހައްލުކުރުމަށް ގެނެވެން ހުރި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު މުޅި ސިއްހީ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ސޯލިހް ވަނީ ފުނަދޫ ގިރާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދު ބައްލަވާލައްވާފަ އެވެ. އަދި ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވި އެވެ.