ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނ. ހޮޅުދޫއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސް ސޯލިހް ހޮޅުދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސް އަށް މަރުހަބާ ދަންނަވާފަ އެވެ.
ހޮޅުދޫއަށް ކުރައްވާ ދަތުރުފުޅުގައި އެރަށު މޭނާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން ބާއްވާ އަލިބަސް ޔޫބިލްގެ ހާއްސަ ޖަލްސާ ރައީސް ސޯލިހް ޝަރަފްކޮށްދެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެއިތުރުން ހޮޅުދޫ މޭނާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ ހަނދާނީ މޮނިއުމަންޓު ހުޅުވައިދެއްވާނެ އެވެ. އަދި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ވެސް ރައީސް މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ.
ރައީސް ސޯލިހް ހޮޅުދޫއަށް ވަޑައިގެންނެވީ ށ. ފުނަދޫއަށް އިއްޔެ ވަޑައިގެން ފުނަދޫ ސްކޫލުގެ ރަންޔޫބީލްގެ ހާއްސަ ޖަލްސާގައި ރޭ ބައިވެރިވެވަޑައިގަތުމަށްފަހު އެވެ.