ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މޭނާ ސްކޫލު އެއް ކެމްޕަހަކަށް ބަދަލުކުރަނީ

Jun 19, 2022

ދެ ކެމްޕަހެއްގައި މިހާރު ހިންގަމުން ގެންދާ މޭނާ ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ސްކޫލުގެ އާ ކެމްޕަސްގެ ކައިރީގައި ސްކޫލްގެ އާ އިމާރާތް ބިނާކޮށް ދެ އިމާރާތް ގުޅުވައިލައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ނ. ހޮޅުދޫގައި ހިންގަމުން ގެންދާ މޭނާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި އަލިމަސް ޔޫބީލް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހާޔާތުގައި މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއް ކަމަށާ އެ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ ގައުމަށް ހިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން ކަމަށެވެ. މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން 75 އަހަރު ފުރުނު ހަތަރުވަނަ ސްކޫލުކަން ފާހަގަކުރައްވައި މި ސްކޫލަކީ ތައުލީމީ ގޮތުން ރާއްޖޭގެ އުތުރުގައި ފަޚުރުވެރި ސްކޫލެއް ކަމުގައި ވިދާޅުވި އެވެ. މޭނާ ސްކޫލު ތައުލީމީ ގޮތުން ހާސިލްކުރަމުންދާ ކާމިޔާބީތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ނ. އަތޮޅުގައި މަތީ ސާނަވީ މަރުހަލާގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ މޭނާ ސްކޫލު ކަމަށެވެ. ސާނަވީ އަދި މަތީ ސާނަވީ މަރުހަލާގައި މޭނާ ސްކޫލްގެ ދަރިވަރުން ގައުމީ ފެންވަރުގައި ރަން ވަނަތައް ހާސިލްކުރަމުންދާ ކަންވެސް ފާހަގަކުރެއްވެވި އެވެ.

މޭނާ ސްކޫލުގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ދެ ކެމްޕަހެއްގައި ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ހުރި އާ ކެމްޕަސްގެ ކައިރީގައި ސްކޫލްގެ އާ އިމާރާތް ބިނާކޮށް ދެ އިމާރާތް ގުޅުވައިލައި ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަސައްކަތް ކުރިއަށްގެންދާނީ ސްކޫލުން އެދިފައިވާ ގޮތަށް 22 ކްލާސްރޫމާއި އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ހަމައެއާއެކު ސްކޫލްގެ ބާ ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި ގާއިމުކޮށްދެއްވާނެކަމުގައި ވެސް ވިދާޅުވި އެވެ.



ތައުލީމީ ދާއިރާގެ އިތުރުން ރައީސް ސޯލިހް ވަނީ ހޮޅުދޫގެ ތަރައްގީގެ މުހިއްމު މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތްތަް ނިމުމުން، އަންނަ ޖުލައި މަހުގެ ނިޔަލަށް މަޝްރޫއު ބީލަމަށް ހުޅުވައިލެވޭނެކަމުގައި ވިދާޅުވި އެވެ. އަދި ހޮޅުދޫގެ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސި ހޮޅުމީދޫ އާބާދުކުރުމަށް އެރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ހޮޅުދޫގައި އަޅަން ސަރުކާރުން ހަމަޖައްސާފައިވާ 30 ހައުސިން ޔުނިޓް އެޅުމަށް މިހާރު ހަމަޖެހިފައިވަނީ ވެސް ހޮޅުމީދުގައި. އަދި މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށް ނިމުމާ އެކީ، ރަނގަޅު ފެންވަރަށް ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ މޭނާ ސްކޫލަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

މޭނާ ސްކޫލް އެންމެ ފުރަތަމަ އުފެއްދީ ރައްޔިތުންގެ މަދުރަސާގެ ނަމުގައި 02 ޖޫން 1947 ގައެވެ.