ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު ލަންކާއަށް އިއްޔެ ވަޑައިގެންނެވީ ލަންކާގެ ބޮޑުވަޒީރުގެ ރަނިލް ވިކްރަމަ ސިންހަގެ ދައުވަތަކަށެވެ.
ރައީސް ނަޝީދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް، އަބްދުލްގަފޫރު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނާއި ފޮރިން މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައިވެސް ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންނެވި އެެވެ. ލަންކާއަށް މިވަގުތު ދިމާވެފައިވާ މާލީ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް އެ ގައުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެހީތެރިވެ ދެއްވުމަށް އަމިއްލަފުޅަށް ހުށަހެޅުއްވުމާ ގުޅިގެން ރަނިލް ވަނީ ރައީސް ނަޝީދަށް އެ ފުރުސަތު ދެއްވާފަ އެވެ.
ލަންކާގެ އިގްތިސޯދީ މައްސަލަތަކާ އެކު އެ ގައުމުގެ ސިޔާސީ މަސްރަހު ވެސް ވަނީ ހަލަބޮލިވެފަ އެވެ. އެހެންވެ ލަންކާގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް އެ ގައުމުގެ ސިޔާސީ އިސް ފަރާތްތަކާވެސް ރައީސް ނަޝީދު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.
ލަންކާ އަކީ ރައީސް ނަޝީދު ވަރަށް ގިނައިން ވަޑައިގަންނަވާ އަދި ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ބޭނުންކުރާ ގައުމެކެވެ.