ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރެވުމުން އެ ރަށުގައި ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމުކޮށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮޅުދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މޭނާ ސްކޫލު އެއް ކެންޕަސްއަކަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންނާއި ކުޅިވަރު މަރުކަޒެއް ބިނާކުރުމާއި ހޮޅުމީދޫ ތަރައްގީ ކުރުމާއި ގުޅޭގޮތުންނާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި އަދި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ގުޅޭގޮތުން ކައުންސިލުން ހުރި ކަންބޮޑުވުންތަކާއި ހޮޅުދުއަށް ޖާގަ ބޮޑު މިސްކިތެއްގެ މުހިންމު ކަމާއި ފުލުހުންގެ އިމާރާތުގެ މަސައްކަތް އަވަހަށް ފެށުމާ ގުޅޭގޮތުންވެސް ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލް އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރެވުމުން އެ ރަށުގައި ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމުކޮށް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެނުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ފެށިގެން ދާނެ ކަމަށާއި އަދި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ބަޖެޓު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ފުލުހުންގެ އިމާރާތަށް ބޭނުންވާ ވަސީލަތްތަކާއެކު ގާއިމުކޮށް އެ މަސައްކަތްވެސް ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.