ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭޖު ކުރެވޭ ގޮތަށް ބަދަލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ނ. އަތޮޅުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ސިއްހީ ދާއިރާގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގަ އެވެ.
މި ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ނ. ހޮޅުދޫ ކައުންސިލުގެ އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންވަނީ މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނެވި ހެޔޮބަދަލުތައް ފާހަގަކުރައްވާފަ އެވެ.
ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތް ހަމަޖެހިފައި ނެތުމާއި އަދި ސިއްހީ ދާއިރާގެ ތަރައްގީއަށް މިވަގުތަށް މުހިއްމު ކަންކަން ހިމެނެ އެވެ.
އެބޭފުޅުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭޖު ކުރެވޭ ގޮތަށް ބަދަލުކުރެއްވުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާބެހޭ ގޮތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.