ޑރ. މުހައްމަދު ޖަމީލް އަހުމަދު

ބަހަނާ ނުދައްކަވާ އިސްލާމިކް މިނިސްޓަރު އިސްތިއުފާ ދެއްވަންޖެހޭ: ޖަމީލް

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ ގެންގުޅުމަކީ މިހާތަނަށް ރާއްޖޭގައި މާތްﷲގެ ގެކޮޅުގެ ހުރުމަތް ކަނޑާލުމަށް ހިންގުނު އެންމެ ފާޅުކަން ބޮޑު ވިޔާ ނުދާ އަމަލު ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ފ. ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައާ ގުޅިގެން ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެކަމުގެ ޒިންމާ ކަމާގުޅޭ އިދާރާތަކުން ނަންގަންވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އިސްލާމީ ތައުލީމީ އުނގެނިވަޑައިގެން ހުންނެވި ޖަމީލް ވިދާޅުވި ގޮތުގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ ގެންގުޅުމަކީ މިހާތަނަށް ރާއްޖޭގައި މާތްﷲގެ ގެކޮޅުގެ ހުރުމަތް ކަނޑާލުމަށް ހިންގުނު އެންމެ ފާޅުކަން ބޮޑު ވިޔާ ނުދާ އަމަލެވެ. އަދި އެކަން ފުލުހުން ނިކުމެ ވަގުތުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކުރީން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ އެކަން ހުއްޓުވުމުގައި ފުލުހުން ނުކުޅެދިއްޖެނަމަ މުޅި ރާއްޖެ އެކަމާއި ދެކޮޅަށް ތެދުވެ އެކަން ހުއްޓުވަން ޖެހެއެވެ. އަދި އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ބަޔަކަށް ލިބިގެން ދިއުމުގެ ޒިންމާ ކަމާގުޅޭ މިނިސްޓްރީން އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ޖަމީލް ވަނީ ބަހަނާ ނުދައްކަވާ މަގާމުން އިސްތިއުފާ ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއަށް ގޮވާލައްވާފައެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލަ ފެންމަތިވެ ފާޑުކިޔުން ބޮޑުވުމުން އިސްލާމިކް މިނިސްޓްރީން ދެންމެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ރަށުގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުން ކުރަން ފެށުމާއެކު ކުރީން ބޭނުން ކުރަމުން އައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ މިސްކިތް ކައުންސިލާ ހަވާލުކުރި ކަމަށެވެ.

އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކުލާސް ހިންގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށްވެސް ބުންޏެވެ.

"... 2017 ވަނަ އަހަރު މިސްކިތް ބަންދު ކުރެވުނު ހިސާބުން ފެށިގެން އެ އިމާރާތް ވަނީ ކައުންސިލާއި ހަވާލުކުރެވިފައެވެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފ. ދަރަނބޫދޫ ކައުންސިލްގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގައި އޮތް އަދި ދީން ހިމާޔަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އަދާލަތު ޕާޓީއަށެވެ. އެ ޕާޓީއަށް ތިން ކައުންސިލަރުން ނިސްބަތްވެއެވެ. ދެން ތިބީ އެމްޑީޕީ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރެެކެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތި ކުރެއްވީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު އާންމު ކުރެއްވި ވީޑިއޯގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލާގައި އާންމުންގެ މީހަކު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ އަޑު އިވެއެވެ. އެ މީހާ ބުނެފައިވަނީ އެ ތަނުގައި އިންޑިއާ މީހުން ގެންގުޅެ އެ މީހުން ނިންދަވާ ހަދާކަން އެނގުނީ އެއް ދުވަހަކު ވުލޫކޮށްލަން އެ މިސްކިތަށް އެރުމުން ކަަމަށެވެ.

އެއީ މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނަކަށް ވާތީ އެފަދަ ގޮތަކަށް އެތަން ބޭނުން ކުރަމުންދާ މައްސަލާގައި އިހުތިޖާޖު ކޮށް އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް އެ މީހާ ބުނެއެވެ. އެކަމާއި ދެކޮޅަށް އިލްމުވެރިންނާއި އާންމުން ތެދުވަންވެސް ގޮވާލާފައިވެއެވެ.

އެ ވީޑިއޯ އިން ފެންނމަ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީން އެ ތަނުގައި ދިިރިއުޅެއެވެ. މިސްކިތުގެ ގޯތިތެރޭގައި އެ މީހުން ލާން ގެންގުޅޭ އަންނައުނުތައް ހިއްކަން އަޅާފައި ހުއްޓެވެ. އަދި ގިނަ އަދަދެއްގެ މީހުން މިސްކިތްތެރޭގައި އޮށޯވެ ތިބޭ މަންޒަރު ފެނެއެވެ. އެމީހާ ބުނާ ގޮތުން އެއީ އެ ރަށުގައި ހިންގާ ނަރުދަމާގެ މަޝްރޫއުއަށް ގެނެސްފައިވާ އިންޑިއާ ބައެކެވެ. އެ މީހުންގެ އަދަދު 200 އަށް ވުރެ އިތުރު ކަމަށް ބުނެފައިވެއެވެ.

މުއިއްޒު އާންމު ކުރެއްވި ވީޑިއޯއާ ގުޅިގެން އިލްމުވެރިން ހިމެނޭހެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަން ވަގުތުން ހުއްޓުވަން އެދިފައިވެއެވެ. އެއީ ބަޔަކު ގަސްތުގައި ދީނާ ފުރައްސާރަ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއް އެފަދަ ގޮތަކަށް ބޭނުން ނުކުރުމަށް އިލްމުވެރީން ވަނީ އިލްތިމާސްކޮށްފައެވެ.