ޔުކްރޭނަށް ހަނގުރާމަމަތީ "ގްރޭ އީގަލް" މަރުކާގެ ޑްރޯން ވިއްކަން ބައިޑަން ސަރުކާރުން ކުރިން ރޭވި ރޭވުން މަޑުޖައްސާލަން ނިންމައިފި އެވެ.
ރޮއިޓާސް ބުނާ ގޮތުން ވައިޓް ހައުސް އިން މިގޮތަށް ނިންމީ އެމެރިކާގެ ޒަމާނީ ހަތިޔާރުތައް ރަޝިއާ ޖަހައިގެންފާނެތީ އެވެ.
ރޮއިޓާސް އަށް މައުލޫމާތު ދިން އޮފިޝަލުން ބުނާ ގޮތުން ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދޭން އެމެރިކާ ވައުދުވި ނަމަވެސް، ހަތިޔާރުތަކާ ގުޅުން ހުރި ޓެކްނޮލޮޖީ ޔުކްރޭނަށް ފޯރުކޮށްދޭން ބޭނުމެއް ނުވެ އެވެ.
އެމެރިކާ އިން ވިސްނަނީ ބާރުދަ ޒަމާނީ ޑްރޯން އާއި ޓެކްޮނޮލޮޖީ ފަދަ ސިއްރުކުރަން ޖެހޭ ހަތިޔާރުތައް އޮޕަރޭޓްކުރުމުގައި ޕެންޓަގަންގެ އޮފިޝަލުން ޝާމިލްވުން ކަމަށް ރޮއިޓާސްއަށް ސިއްރު މައުލޫމާތު ދިން އޮފިޝަލުން ބުނެ އެވެ.
ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ދޭނަމަ އެއިން ބައެއް ބައިތައް އުނިކުރުމަކީ ވެސް އެމެރިކާ ކޮށްފާނެ ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ. އެހެން ނަމަވެސް، އެއިން އެއްވެސް ގޮތެއް އަދި ނުނިންމާ ކަމަށް އޮފިޝަލު ބުންޏެވެ.
ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ރަޝިއާއިން ކުރިން ވެސް ވަނީ ބުނެފަ އެވެ. އެއީ އެ ހަތިޔާރުތަކުން ރަޝިއާއަށް ހަމަލާ ދީފާނެތި ބިރުން ނޫން ކަމަށް ރަޝިއާ ބުނެ އެވެ.
އެކަމުގައި އޮތް ބިރުވެރި ކަމަކީ ޔުކްރޭން ސިފައިންގެ އަގުތައި ނުޖެހި ހަތިޔާރުތައް ބްލެކް މާކެޓަށް ލީކުވެދާނެތީ އެވެ. ޚަބަރުތައް ބުނާ ގޮތުން ހުޅަނގުން ޔުކްރޭނަށް ފޮނުވި ބައެއް ހަތިޔާރު ޝިޕްމަންޓްތައް ވަގު ބާޒާރުގައި ވިއްކައި ވަނީ ޚަލާސްކޮށްފަ އެވެ.
ރަޝިއާގެ ސިފައިންނަށް ހަމަލާ ދޭން ޔުކްރޭނުން މިހާރު ވެސް ބާރުގަދަ ހަތިޔާރު ބޭނުންކުރެ އެވެ. އެހެން ނަމަވެސް ރަޝިއާއިން ދޭ ރައްދު ހަމަލާތަކުގައި ބާރުގަދަ ހަތިޔާރުތައް އެކައްޗަކަށް ނުވާ ފަހަރު ވެސް އާދެ އެވެ.
ރޮއިޓާސް ބުނާ ގޮތުން ޔުކްރޭނަށް ހަތިޔާރު ފޮނުވަން ވަކި ގޮތެއް ނިންމަން އެމެރިކާ އެތައް ދުވަހެއް ނަގާނެ އެވެ. ދެތިން ހަތަރު މަސް ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ. ޔުކްރޭނަށް ޒަމާނީ ޓެކްނޮލޮޖީ ނުދިނުމަކީ ވެސް އެމެރިކާއަށް އޮތް އިޚުތިޔާރެކެވެ.