ޕީޕީއެމް

ޕީޕީއެމްގެ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ގޮޑިތަކަށް މެންބަރުން އިންތިހާބު ކޮށްފި

ޕީޕީއެމްގެ ކައުންސިލުގައި އަންހެނުންނަށް ހާއްސަ ގޮޑިތަކަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.

އެ ޕާޓީގެ ކައުންސިލްގައި އަންހެނުންނަަށް ހާއްސަ ކޮށްފައިވަނީ ފަސް ގޮޑިއެކެވެ. އެ ގޮޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިރޭ ވަނީ ވޯޓް ނަގާފައެވެ.

އިންތިހާބުގައި 27 މީހަކު ވާދަކުރި އެވެ. އިންތިހާބު ކާމިޔާބުކޮށް ކައުންސިލަށް ހޮވިވަޑައިގެންނެވީ ޝެރީނާ އަބްދުއްސަމަދު އާއި ޖަމީލާ އަލީ ހާލިދު އާއި ޒީނާޒު އަދުނާން އާއި އައިމިނަތު ނާސިހާ އަދި އާއިމިނަތު ޝިޔާނާ އެވެ.

އެންމެ ގިނަ ވޯޓް ހޯއްދެވި ޝެރީނާ އަބްދުއްސަމަދަށް ވަނީ 46 ވޯޓް ލިބިފައެވެ. ޖަމީލާ އަލީ ހާލިދަށް 45 ވޯޓް އަދި ޒީނާޒު އަދުނާނަަށް 43 ވޯޓް ލިބިފައިވެއެވެ. އާއިމިނަތު ޝިޔާނާއަށް 38 ވޯޓް އަދި އައިމިނަތު ނާސިހާ އަށް 29 ވޯޓް ލިބިފައިވެއެވެ.

މި އިންތިހާބުގައި 64 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާއިރު ވޯޓް ދީފައިވަނީ 51 މީހުންނެވެ. ސައްހަ ވޯޓްގެ އަދަދަކީ 202 ވޯޓެވެ. އެއް ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.