ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އިންޑިއާގެ ނަން މަޝްހޫރު ބައެއް މީޑިއާތައް ރާއްޖެ ގެނެސްފި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ޒިންމާ އަދާކުރާ އެމްއެމްޕީއާރްސީން ބުނީ ރާއްޖެ އައި ޓީމުގައި އިންޑިއާގެ މަޝްހޫރު ބައެއް މީޑިއާތައް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އާއި ފައިނޭންޝަލް އެކްސްޕްރެސް އަދި ބީޑަބްލިއު ބިޒްނަސް ވޯލްޑް އަދި އެންޑީޓީވީ ފުޑްގެ އިތުރުން ޓްރެވަލް ޑައިންގެ މެންބަރުން ހިމެނޭ ކަމަށެވެ.
އިންޑިއާގެ މީޑިއާ ޓީމުން ރާއްޖެ އަށް ކުރާ ޒިޔާރާތުގައި ތިބުމަށް ހަމަޖެހިފައިވަނީ ދަ ރެސިޑެންސް މޯލްޑިވްސް އާއި ކުނަމަތި މޯލްޑިވްސް އަދި ނޮކް މޯލްޑިވްސްގަ އެވެ. މި ޓީމުން ދިވެހި ކެއުންތައް ތަޖުރިބާ ކުރުމުގެ އިތުރުން ދިވެހިންގެ މެހުމާންދާރީ ތަޖުރިބާކޮށް ލިޔުންތައް ލިޔާނެ އެވެ.
މި ޓީމުން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި އެމްއެމްޕީއާރުސީއާއެކު މަޝްވަރާ ކުރެވި އިންޑިއާގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން މިހާރު އިންޑިއާ ވެފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓަށެވެ.