ހަބަރު

ރާއްޖެ އިޝްތިހާރުކުރަން އިންޑިއާގައި ކެމްޕޭނެއް

ވިޒިޓް މޯލްޑިވްސް އާއި އިންޑިއާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕޭނެއް ފަށައިފި އެވެ.

އިންޑިއާގެ އެންމެ ބޮޑު އޮންލައިން ޓްރެވެލް އެޖެންސީ، "މޭކް މައި ޓްރިޕް" އާއެކީ ވިޒިޓް މޯލްޑިވްސް އިން ފެށި މި މާކެޓިން ކެމްޕެއިނަކީ ތިން މަސްދުވަހަށް އިންޑިއާގެ މާކެޓަށް ހާއްސަ ކުރާ ކެމްޕޭނެކެވެ.

އެމްއެމްޕީއާރްސީން ބުނީ، ފަތުރުވެރިންނަށް ހާއްސަކޮށް ރާއްޖެއިން ކަނޑައަޅާފައިވާ ޑިސްކައުންޓްތަކާއި ޕްރޮމޯޝަނަލް ޕެކޭޖްތަކުގެ ޑިޖިޓަލް އިޝްތިހާރުތައް މޭކް މައި ޓްރިޕްގެ މި ކެމްޕޭނުގެ ތެރެއިން ދައްކައި ދޭނެ ކަމަށެވެ.

މި ކެމްޕޭނުގައި ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިވާކަން އުފައްދައި ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ރާއްޖޭގެ ރީތި ކަމާއި ޗުއްޓީ ހޭދަ ކުރަން ރައްކާތެރި ގައުމެއްކަން ދައްކައިދޭނެ އެވެ.

މިހާތަނަށް 42 މިލިއަނަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާފައިވާ މޭކް މައި ޓްރިޕްގެ ޗީފް މާކެޓިން އޮފިސަރު ސުނިލް ސުރޭޝް ވިދާޅުވީ، ރާއްޖެ އަކީ އަބަދުވެސް އިންޑިއާގައި މަގުބޫލު ގައުމެއް ކަމަށާއި، ކޮވިޑް-19 އަށްފަހު އަލުން ބޯޑަރުތައް ހުޅުވައިލުމުން އިންޑިއާ ފަތުރުވެރިން އެންމެ ދާހިތުން ތިބެނީ ރާއްޖެއަށް ކަަމަށެވެ.

މިދިއަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ވެސް އިންޑިއާއ އިންނެވެ.