އެޗްޑީސީ

ވިނަރެސް ފްލެޓް ބަލާލުމަށް އިތުރު ފުރުސަތު ދީފި

Jun 19, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް ބަލާލުމަށް އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން އާ ސްލޮޓްތަކެއް ހުޅުވާލައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ.

ވިނަރެސް ފްލެޓްތައް ބަލާލުމަށް އެޗްޑީސީން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލުމުން 11،000 މީހުން އެ ފްލެޓްތައް ބަލާލުމަށް ނަން ނޯޓުކޮށްފައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފްލެޓްތައް ބަލާލުމަށް އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގައި ނަން ނޯޓް ކުރި މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން އޮގަސްޓް މަހާ ހިސާބަށް ހުރިހާ ވަގުތެއް ފުލްވެފައިވާ ކަމަށެވެ.

"އަލުން އަޅުގަނޑުމެން އެ ފްލެޓްތައް ބަލާލަން މި ހުޅުވާލީ އެކަމަށް އޮތް ތަރުހީބު ބޮޑުވެފައި އަދިވެސް ގިނަ ބަޔަކު އެކަމަށް އެދޭތީ،" އޮފިޝަލް ވިދާޅުވި އެވެ.

ވިނަރެސް ފްލެޓްތައް ބަލާލުމަށް މިހާރު ދުވާލަކަށް 500 މީހުންނަށް އެޗްޑީސީން ފުރުސަތުދެ އެވެ.

ފްލެޓްތައް ދައްކާލަމުން ދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށެވެ.

އެޗްޑީސީން ނިންމާފައިވަނީ ވިނަރެސް ފްލެޓް ގަތުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީހު ހަމަވަންދެން ފްލެޓްތައް ބަލާލުމަށް ފުރުސަތު ދިނުމަށެވެ. މިމަހުގެ ތެރޭގައި ފްލެޓްތައް ވިއްކުމަށް އިއުލާންކުރަން ވަނީ ނިންމާފަ އެވެ.

މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވިނަރެސް މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތަކުގެ ބޮޑު ބައި ހާއްސަކޮށްފައިވަނީ މާލޭގެ ރަޖިސްޓްރީގައިވާ މާލެ މީހުންނަށެވެ. ނަމަވެސް ވިނަރެސް މަޝްރޫއުގައި ހިމެނޭ 100 ފްލެޓް ވަނީ މާލޭގައި ރަޖިސްޓްރީވެފައި ނުވާ އެކަމަކު މާލޭގައި ދިރިއުޅެމުންގެންދާތާ 15 ވެފައިވާ މީހުންނަށާއި، މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ވެފައި ނުވާ އެކަމަކު މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ މީހުންނަށް ހާއްސަކޮށްފަ އެވެ.

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލެވޭނެ އާންމު ޝަރުތުތަކަކީ މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުމާއި، މާލޭ ސިޓީން 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި ނުވުމެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި މާލޭ ސިޓީގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު އެއްވެސް ތަނެއް ވިއްކާފައި ނުވުމާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްވެސް ވެގެން ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.