ބޭންކް އޮފް މޯލްޑިވްސް

ކޮމިއުނިޓީ ފަންޑުން ބިލެތްފަހި ސްކޫލަށް ލައިބްރަރީއެއް

Jun 19, 2022

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.

މި މަޝްރޫއު ހިންގާފައިވަނީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާއީލް ޝަރީފް އެވެ.

މި މަޝްރޫއާ އެކު ލައިބްރައީއަށް އަލަށް 700 އެއްހާ ފޮތް އިތުރުކޮށް ފޮތްހަރުގަނޑު ހިމަނައި، ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިދެވިފަ އެވެ.

މަޝްރޫއުގައި އިސްކޮށް ހުރި އިސްމާއިލް ޝަރީފް ވިދާޅުވީ ލައިބްރަރީއަށް އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނެ މާހައުލެއް ގާއިމްކުރެވިގެން ދިޔުމުގެ ސަބަބުން ސްކޫލްގެ ރީޑިން ޕްރޮގްރާމަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށެވެ.

"ލައިބްރަރީ އަށް މި ގެނެވުނު ބަދަލާއެކު ފޮތް ކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމުވެފައި. މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި ޓީޗަރުންނަށް ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތް ތަކަށް ޝުކުރު ދަންނަވަން،" އިސްމާއިލް ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ހަރަދުކުރާ ފަންޑެކެވެ.

ބޭންކުން މިހާރު ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.