ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.
މިދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ މައި އޮފީހާއި އަތޮޅު ތެރޭގައި ހުންނަ އޮފީސްތައް ޒީނަތްތެރިކޮށް މާލެ އޮފީހުގައި މިއަދު ވަނީ ދުވަހާ ގުޅޭ ކޭކެއް ފަޅާފަ އެވެ.
ކޭކް ފަޅުއްވައިދެއްވީ ސްޓެލްކޯހެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމުގައިވާ މުހައްމަދު ލަތީފާއި، ޑރ. އަލީ އަޒުވަރެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޗެއާމަން އިބްރާހިމް ދީދީ ވިދާޅުވީ ސްޓެލްކޯ އަކީ ސަރުކާރުގެ ކުންފުންޏަކަށް ވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތެދުވެރިވެ އިހްލާސްތެރިވުމަށް މުވައްޒަފުންނަށް ހިތްވަރު ދެއްވެވި އެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުންފުނީގެ ހިދުމަތް ފުޅާކޮށް ދުވަހުން ދުވަހަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ ކުންފުނީގެ ނަމުގެ ގޮތުގައި މިއަދުން ފެށިގެން މުވައްޒަފުން ބޭނުން ކުރާނީ "އަޅުގަނޑުމެންގެ ކުންފުނި" ކަމަށާއި އެގޮތަށް އެ އިބާރާތް ބޭނުންކުރަން ފެށުމުންވެސް އަންނާނެ ބަދަލުތަކެއް ހުންނާނެ ކަމަށެވެ. ސްޓެލްކޯގެ މިސްރާބު ބަދަލުކޮށް ކަސްޓަމަރުންނާ މިހާރަށް ވުރެ ގާތުން މަސައްކަތް ކުރާ ކުންފުންޏަކަށް ސްޓެލްކޯ ހަދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
“ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏެއް ކަމަށް މި ދަންނަވަނީ އަޅުގަނޑުމެންގެ ހުރިހާ ޑިޒިޝަންތަކެއް ނިންމާ ނިންމުންތަކެއް އެންމެ ފުރަތަމަ މަސްލަހަތު އޮންނަންޖެހޭނީ ކަސްޓަމަރަށް ކަމަށްވުމުން. އެއަށްފަހު އަޅުގަނޑުމެންގެ ސްޓާފުން. އެގޮތަށް މަސައްކަތް ކޮށްގެން ނޫނިއްޔާ އާންމުންގެ ތެރޭގައި މަގުބޫލު ކުންފުންޏެއްގެ ގޮތުގައި އޮވެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" ޝަރީފް ވިދާޅުވި އެވެ.