ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލެއް ކަނޑައަޅުއްވައިފި

Jun 20, 2022
2

ދިވެހި ގައުމީ ދިދަ ނެގުމާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އުސޫލެއް ކަނޑައަޅުއްވައިފި އެވެ.

މިއުސޫލަށް އަމަލުކުރުމަށް ދެންނެވުމެއްގެ ގޮތުގައި ރައީސް އޮފީހުން ވަނީ ދައުލަތުގެ ހުރިހާ އިދާރާތަކަށް އަންގާފަ އެވެ.

ދެންނެވުމުގައިވާ ގޮތުން ސަރުކާރުގެ މުއައްސަސާތަކުން ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތަައި އަދި ގައުމީ ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެ އެވެ. ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމު ގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ދެންނެވުމުގައި ކަނޑައަޅުއްވާފައިވެ އެެވެ.

މި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ގައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތައް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ގައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަ ގޮތަށް ދެ ދިދައެއް ނަގާނަމަ ނުވަތަ ބަހައްޓާނަމަ ގައުމީ ދިދަ ހުންނަންވާނީ އެ ދިދައެއްގެ ކަނާތްފަރާތުގައި ކަމަށްވެސް ދެންނެވުމުގައިވެ އެވެ.

"ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ގައުމުތަކުގެ އިއްޒަތްތެރީން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާވާނެއެވެ." ދެންނެވުމުގައިވެ އެވެ.

ގައުމީ ދިދަ 24 ގަޑިއިރު ނަގާފައި ހުންނަންޖެހޭ އޮފީސްތައް

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު
  • ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދިރިޅުއްވާ ރަސްމީ ގެކޮޅު
  • ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު
  • ދިވެހި ފުލުހުންގެ ހިދުމަތުގެ މައި މަރުކަޒު
  • މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދޭ ސަރުކާރުގެ މުއައްސަސާތައް

ދެންނެވުމުގައިވާ ގޮތުން އެހެން ދިދައަކާ ކައްތިރިކޮށް ދިވެހި ގައުމީ ދިދަ ނެގިދާނެ އެވެ. ނަމަވެސް ދިވެހި ދިދައާއެކު ކައްތިރިކޮށް އެހެން ގައުމެއްގެ ގައުމީ ދިދަ ނެގޭނީ، އެ ގައުމަކީ މިނިވަން ގައުމެއް ކަމަށްވާނަމަ އެވެ. ގައުމީ ދިދަ އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ދިވެހި ގައުމީ ދިދަ ހިމެނޭ ދިދަފަތި ހުންނަންޖެހެނީ އެންމެ މަތީގަ އެވެ. އަދި އެފަދަ ވަލަކަށް ނުވަތަ ފަށަކަށް ދިވެހި ގައުމީ ދިދަ ނަގާނަމަ އެންމެ ކުރިން ނަގަންޖެހެނީ ވެސް ދިވެހި ގައުމީ ދިދަ ނުވަތަ ދިވެހި ހައުމީ ދިދަ ހިމެނިގެންވާ ދިދަ ފައްޗެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ނުވަތަ އެހެން ގައުމެއްގެ ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގްވާމީ ޖަމާއަތެއްގެ ދިދައާއެކު ދިވެހި ގައުމީ ދިދަ ނަގާ ތަންތަނުގައި ދިވެހި ގައުމީ ދިދަ ހުންނަންޖެހެނީ އެ ނޫން ދިދަތަކާ އެއް އުސްމިނެއްގައި އަދި އެ ދިދަތަކާ އެއް މިނަކަށެވެ.

އެކިކަންކަމުގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ގެންގުޅެންވީ ހަމަތައް ދެންނެވުމުގައި ކަނޑައަޅާފައިވާއިރު ބޭނުން ނުކުރެވޭވަރަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ގައުމީ ދިދައެއް ސަރުކާރުގެ މުއައްސަސާއަކުން ނައްތާލުމުގައި ދިދައިގެ ހުރުމަތް ނުކެނޑޭ ގޮތަށް އަމަލުކުރުމަށްވެސް ދެންނެވުމުގައި އަންގާފައިވެ އެވެ.

ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމުގެ ހަމަތައް

  • ގައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެ. ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމުގައި ބަލާނީ ދިދަ ދަނޑީގެ ކުރިން ފެށިގެން ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުން
  • ގައުމީ ދިދަ ބައިދަނޑިއަށް ނަގަންވެއްޖެނަމ ދިދަ ނަގާނީ އެ ދިދަ ނެގޭ ދަނޑިއެއްގެ ކުރިއަށް ދިދަ ނެގުމަށްފަހުގަ އެވެ. އަދި ބައިދަނޑިއަށް ހުރި ދިދައެއް ތިރިކުރާނީވެސް ފުރިހަމަ ދަނޑިއަށް ދިދަ ނެގުމަށްފަހު
  • ގައުމީ ދިދަ ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ގައުމީ ދިދައާއެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގައިފައިވާނަމަ އެ ދިދައެއް ނުވަތަ އެ ދިދަތަކެއްވެސް ބަހައްޓަންވާނީ ބައިދަނޑިއަށް ތިރިކޮށްފަ
  • ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިދަ ނަގާ ތަންތަނުގައި ދުވަސް ނިންމާނީ ހަވީރު 6:00 އަށް. 24 ގަޑިއިރު ދިދަ ނަގައިފައި ބަހައްޓާ ތަންތަނުގައި ދުވަސް ނިންމާނީ ރޭގަނޑު 12:00 އަށް

ދެންނެވުމުގައިވާ ގޮތުން ބައިނަލްއަގްވާމީ އުސޫލުތަކެއްގެ މަތީން ދިދަ ނަގަންޖެހޭ ތަންތަނުގައްޔާއި އެއްޗެތީގައި، އެ އުސޫލުތަކާ އެއްގޮތަށް ދިވެހި ގައުމީ ދިދަ ނެގިދާނެ އެވެ.

ދެންނެވުމުގައި ބުނެފައިވަނީ ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ އެއްވުންތަކާއި، ރެލީތަކާއި، ހިނގާލުންތަކުގައި ގައުމީ ދިދަ ބޭނުން ކުރެވިދާނެ ކަމަށާއި ކަނޑުމަތީގެ އުޅަނދުތަކުގައި ނުވަތަ އެއްގަމު އުޅަނދުތަކުގައި ނުވަތަ ވައިގެ އުޅަނދުތަކުގައި ގައުމީ ނިޝާނެއްގެ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ގައުމީ ދިދަ ބޭނުންކުރެވިދާނެ ކަމަށެވެ.

މޭޒުމަތީގައި ބަހައްޓާ ގޮތަށް ގައުމީ ދިދަ ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެ ކަމަށާއި އަދި ގައުމީ ދިދަ ހިމެނޭ ގޮތަށް ބެޖް، ސްޓިކާ، ލޯގޯ، ކަފްލިންކް ފަދަ ތަކެތި ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެ ކަމަށްވެސް އުސޫލުގައިވެ އެވެ.

ކަރުދާހުގައި ނުވަތަ ފޮތީގައި ޗާޕުކޮށްގެންނާއި، މައުދަނަކުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިގެން ސަރުކާރުގެ ތަންތަނުގައި ދިވެހި ގައުމީ ދިދަ ބޭނުންކުރެވިދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އުސޫލުގައި ބުނެފައިވެ އެވެ.