ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާގައި ދައްކަވާ ވާހަކަތަކަކީ ތެދުކަމަށް ގަބޫލުކޮށްގެން ތިބެން ހެޔޮ ނުވާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އޮޅޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި ކަމަށް ވިދާޅުވެ އެފަދަ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވަނީ ވަރަށް ރަނގަޅު އިސްލާހުތަކެއް ކަމަށެވެ. ނަމަވެސް އެ އިސްލާހުތަކުގެ މަފްހޫމު އޮޅޭގޮތަށް ބައެއް މެންބަރުން ވާހަކަދެއްކެވުމަކީ ހިތަމާކުރައްވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ ރޮޒައިނާ އެދިވަޑައިގަތީ ދިވެހި ކޮންމެ ރައްޔިތަކު ވެސް މަޖިލީހުގެ ވެބްސައިޓަށް ވަދެ ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ އެއްޗެއް އަމިއްލައަށް ބެލުމަށެވެ.
"މިތާނުގައި [ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި] ދައްކާހާ ވާހަކަ އަޑުއަހައިގެން މިއީ ތެދުކަމަށް ގަބޫލުކޮށްގެން ހުންނަން ހަމަ ހެޔޮނުވާނޭ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޫސްތަކުގައި މަޖިލީހުގެ ހަބަރުތައް ގެނެސްދިން ނަމަވެސް ހަބަރުގެ ސުރުހީ ކިޔުމަށްފަހު ހަބަރުގައި އޮތް އެއްޗެއް ބައެއް މީހުން ނުކިޔާ ކަމަަށެވެ. އެހެންވެ ފިތުނަ އުފެދޭގޮތަށް އަދި ރައްޔިތުންނަށް މައުލޫމާތު އޮޅޭގޮތަށް މެންބަރުން ވާހަކަދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ހަ މެންބަރުން ރައްޔިތުން ހޮވީ ޕީޕީއެމްގެ ވެރިކަމުގައި އެތައް ކަމެއް ގޯސްކޮށް ކޮށްފައި ހުރުމުން ކަމަށެވެ. ރައްޔިތުން އެދުވަސްތައް އަދި ހަނދާން ނެތޭހާ ގިނަ ދުވަސް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މިއަދުގެ ސަރުކާރުން މަސައްކަތް ކުރަނީ ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައިގެން ކަންކަން ހައްލު ނުވާނެ ކަމުގައިވެސް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އިދިކޮޅު މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމަށް ފުރުސަތު ނެތް ކަމަށެވެ. ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލިސް ހިންގަނީ އިދިކޮޅު މެންބަރުންނަށް ފުރުސަތު ދީގެން ކަމުގައިވެސް ވިދާޅުވި އެވެ.